ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމަށްވާ ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައިފި އެވެ. މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓަރު ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑެވެ.

ދިރާގުން ބުނިގޮތުގައި އަޕްޓައިމް އިންސްޓިޓިއުޓް އިން ދޭ މި ސެޓިފިކޭޝަން އަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރު ކުރެވޭ ޑޭޓާ ސެންޓަރުތަކަށް ދޭ ސެޓިފިކޭޝަނަކަށް ވާތީ، މި ކަމުން ދައްކުވައިދެނީ ދިރާގު ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ އެވެ. އަދި ޒަމާނީ މި ޑޭޓާ ސެންޓަރާއެކު ދިރާގުން މި ވަނީ ދިވެހިރާއްޖޭގެ ޑޭޓާ ސެންޓަ އިންފްރާސްޓްރަކްޗާ ހުންނަންޖެހޭ މިންގަޑު އިތުރަށް ހަރުދަނާކޮށްދީފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ހުޅުމާލެ ޑޭޓަ ސެންޓަރު އިފްތިތާހު ކޮށްދެއްވައިފައި ވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިގޮތުގައި، މިއަދު ދިރާގުން މި ވަނީ ރާއްޖޭގެ ފުރުތަމަ ޓިއާ-4 ސެޓިފައިޑް ޑޭޓަ ސެންޓަރު ހުޅުވައި ތާރީހީ ކުރިއެރުމެއް ހޯދައިފައި ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގޮތުން، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ދިރާގުން މި ހޯދި ކާމިޔާބީއާއެކު، މި ކަމުގައި މިހާރު ދިވެހިރާއްޖެ ވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި،" އިހުސާން ވިދާޅުވި އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން، ދިރާގުގެ ސީއީއޯއިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓަ ސެންޓަރު ހުޅުވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ، އަދި ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓިއާ-4 ގެ ޑޭޓާ ސެންޓަރެކޭ ބުނުމުން ދޭހަވަނީ، މި ޑޭޓާ ސެންޓަރަކީ، އިންފްރާސްޓްރަކްޗާ އަށް ބެލިއަސް، ރިލައިބިލިޓީއަށް ބެލިއަސް، ސެކިއުރިޓީއަށް ބެލިކަމުގައި ވިއަސް، މިއީ އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ޑޭޓާ ސެންޓަރެއްކަން. މީގެ ސަބަބުން، ވިޔަފާރިވެރީންގެ ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީ އިތުރަށް ވަރުގަދަކޮށް، ކްލައުޑް ސާވިސަސް ބޭނުންކުރާ ފަރާތްތަކާއި، އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" އިސްމާއިލް ވިދާޅުވި އެވެ.

މި ސެޓިފިކޭޝަންއާ އެކު، ދިރާގުން މި ވަނީ ދިރާގުގެ ކްލައުޑް އައިއޭއޭއެސްގެ އިތުބާރު ހިފޭ މިންވަރު، ސެކިއުރިޓީ އަދި ރެޒިލިއެންސް މިންގަނޑުތައް ވަރުގަދަކޮށް، ވިޔަފާރިކުރުމުގައި އަދި މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވިޔަފާރިވެރިން އިތުރަށް ބާރުވެރިކޮށްދީފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ކަމުގެ ސަބަބުން، ވިޔަފާރިވެރިންނަށް ޒަމާނީ ހިދުމަތްތައް އެންމެ ރަނގަޅު އަގުތަކުގައި ލިބި، ބަދަލުވަމުންދާ ޑިޖިޓަލް އިކޮނޮމީގައި ކުރިއަރައިގެން ދިއުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެންމެ ވަރުގަދަ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ.