އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހު ކޮށްފި އެވެ.

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން އެމްއެމްއޭ އިން ފެށި "ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް" އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެމްއެމްއޭ އިން ބުނީ "ތަމްވީލް – އެމްއެމްއޭ އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް"ގެ ދަށުން ދެ މަސައްކަތެއް ކުރިއަށް ދާނެ ކަމަށެވެ. އެއީ އިސްލާމީ މާލީ ނިޒާމަށް ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއިން މީހުން ތަމްރީނުކުރުން ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވަނީ އެމްއެމްއޭއިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އަދި އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަން އެމްއެމްއޭއަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ މަރުކަޒީ ބޭންކު ކަމަށެވެ. އެ ގޮތުން މެލޭޝިއާ ފަދަ ގައުމުތަކުގައި މި ނިޒާމު ކުރިއަރައިގެން ދިޔައީ އެ ތަންތަނުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައި ކުރި މަސައްކަތްތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަހުމަދު މުނައްވަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ބައިވެރިވަނީ.

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ އިސްލާމީ މާލީ ނިޒާމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އެމްއެމްއޭއިން އިސްނަގައިގެން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމީ މާލީ ނިޒާމުގައި ރާއްޖެއަކީ މުހިންމު ހަބަކަށް ހެދުން،" ގަވަރުނަރު ވިދާޅުވި އެވެ.

ތަމްވީލް އިނިޝިއޭޓިވްގައި މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށް ވަނީ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ވެސް އިއުލާންކޮށްފަ އެވެ. އެމްއެމްއޭއިން ފަސް މިލިއަން ރުފިޔާއާއެކު ފެށި މި ފަންޑުގެ ދަށުން އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސާ ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީއިން ވަނީ މި ދާއިރާއިން މީހުން ބިނާކުރުމުގައި އެ ޔުނިވާސިޓީގެ އެހީތެރިކަން އެމްއެމްއޭއަށް ލިބޭނެކަން ހާމަކޮށްފައިވެ އެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މި ރޯދަމަހު ޓީވީ އިން ތަމްވީލްގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތަމްވީލް ކުއިޒް މުބާރާތެއް ވެސް ޓީވީއެމްގައި ގެނެސްދެވޭނެއެވެ. ކޮންމެ ދުވަހަކު ހުށަހެޅޭ އިސްލާމީ މާލީ ނިޒާމާ ގުޅޭ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ ބޭފުޅަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1000 ރުފިޔާގެ ގިފްޓްކާޑެއް އަދި އެންމެ ގިނަ ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ ބޭފުޅެއްގެ އުމްރާ ދަތުރެއް ވެސް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭ އިން ބުނީ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ޓީވީ ޕްރޮގްރާމާއި ކުއިޒަކީ އަކީ ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ބީއެމްއެލް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ހިމެނެ އެވެ.