ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލް ޖުޑީޝަރީ ކޮމިޓީން މަދު ވަގުތުކޮޅެއްގެ ތެރޭގައި ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުލް ސައްތާރު މުހައްމަދު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ބައވެރިވެވަޑައިގެންނެވި 76 މެންބަންގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު މަޖިލީހަށް ބަލައިގަނެއް ކޮމިޓީއަށް ވެސް ފޮނުވީ މިއަދު އެވެ.
ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި އެންމެ ފުރަތަމަ ވެސް ނިންމީ މިއަދުން މިއަދަށް ބިލުގެ މަސައްކަތް ނިންމުމަށެވެ. އޭގެ ގާތް ގަޑަކަށް ދެ ތިން ގަޑިއިރު ފަހުން ޖުޑީޝިއަރީ ކޮމިޓީއިން ވަނީ ބިލު ފާސް ކޮށްފަ އެވެ.
ބިލު ފާސްކުރުމަށް ފެންނަކަމަށް 7 މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަކަމަށް 2 މެމްބަރަކު ވޯޓުދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ވެރިކަން ކުރާ ޕީއެންސީގެ ތަމްސީލު ކުރައްވާ ހުރާ ދާއިރާ މެމްބަރު އަނާރާ ނައީމު ހިމެނިވަޑައިގަންނަވަ އެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް ވެއްދިތާ ތިން ދުވަސް ނުވެ ބިލު ކޮމިޓީއިން ދިރާސާކޮށް ނިންމާ ފާސްކޮށްފައި މިވަނީ މަޖިލީހުގެ މެމްބަރުން ހޮވިފައި ތިބި ޕާޓީ ބަދަލުކޮށްފި ނަމަ އެ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުން ތަސްދީގުކޮށްފައިވާ ބިލުގެ ދުސްތޫރި މައްސަލައެއް ސުޕްރީމު ކޯޓުގައި ހިނގަމުން ދާ ދަނޑިވަޅެއް ގައެވެ.