ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެން ޕީއެންސީގެ 10 މެންބަރަކު އެ ޕާޓީގެ ވިޕް ލައިނާ ހިލާފުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓުގައި 76 މެންބަރުން ބައިވެރިެފައި ވެއެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންފައި ވާއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުން ނެވެ. މި ވޯޓުގައި ޕީއެންސީއަށް ނިސްބަތްވާ 10 މެންބަރަކު ބައިވެރިވެވަޑައިގެންފައިނުވެސްވެއެވެ. އެއީ:

  1. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު
  2. އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
  3. މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު
  4. ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
  5. ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
  6. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
  7. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
  8. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
  9. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
  10. ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު އެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް ގަސްތުގައި ވިޕްލައިނާ ހިލާފުވާ ބޭފުޅުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.