ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް ޕީއެންސީއަށް ވަގު ފޯމް ފުރި ކަމުގެ ތުހުމަތުގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން ތުހުމަތުން ދިފާއު ނުވެވި ކުރީގެ ސަރުކާރު ވާހަކަ ދައްކަވައިފި އެވެ.

ޑީއެންއާރު ތެރޭގައި ޕީއެންސީއަށް ވަގު ފޯމް ފުރަންތިބި ފޮޓޯތަކެއް އެދުވަސްވަރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެތަނުގައި މިނިސްޓަރު އިހުސާންވެސް ހުންނަވާ ފޮޓޯވެސް ވަނީ ދައުރުވެފަ އެވެ.

މިކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް ވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފަ އެވެ.

އިހުސާންގެ ދިފާއުގައި ދައްކަވާނެ ވާހަކަ ނެތި، ބޮޑަށް ދައްކަވާފައިވަނީ ކުރީގެ ސަރުކާރުގެ ވާހަކަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިދިޔަ ފަސް އަހަރު ތެރޭގައި އެމްޑީޕީއަށް ވެސް ވަގު ފޯމު ފުރައިގެން މީހުން ވައްދާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އޭގެއިތުރުން އެންސްޕާ އާއި އާސަންދައިގެ އިތުރުން އިލެކްޝަންސްގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން ރިޔާސީ އިންތިހާބު ތެރޭގައި ބޭނުން ކުރި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އެގޮތުން ކުރީގެ ސަރުކާރާއި ކުރީގައި ނޫސްތަކުގައި ޖަހާފައިވާ ބައެއް ހަބަރުތަކުގެ ވާހަކަ އިހުސާން ވަނީ ދައްކަވާފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވަމުން އިހުސާން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އެމްޑީޕީއަށް ފޯމެއް ފުރަން އިންނަ މަންޒަރު ފެންނަ ފޮޓޯއަކާއި އެ ނޫން ވެސް ބައެއް ފޮޓޯތައް މަޖިލީހަށް ދައްކަވައިފަ އެވެ.

އިހުސާންވަނީ ޑީއެންއާރުގައި ފޯމް ފުރަން ތިބި ފޮޓޯ ތަކަކީ ސިޔާސީ މުވައްޒަފުން ގެނައި ފޯމްތަކުގައި ހެކިންގެ ބައި ފުރަން ތިބި ފޮޓޯތަކެއް ކަމަށް ވިދާޅުވެފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސިޔާސީ ޕާޓީއަށް ވަނުމަށް ފުރާ ފޯމްގައި ހެކި ކުރަން ޖެހޭނީ މީހާ ސޮއި ކުރިތަން ފެނުނު އެތަނުގައި ތިބި މީހުންގެ ތެރެއިން ދެ މީހެކެވެ. ނަމަވެސް އިހުސާން ވަނީ މިކަމާއި ހިލާފަށް ޕީއެންސީއަށް ފޯމް ފުރުމުގައި އަމަލުކޮށްފައިވާ ކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ގާނޫނާއި ހިލާފު ކަމެއް ނޫންނަމަވެސް، ސަރުކާރު އިދާރާ ތަކުގެ ތެރޭގައި ސިޔާސީ މަސައްކަތް ކުރުމަކީ އެންމެ ރަނގަޅުކަމެއް ނޫންކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަން ދެން ކުރައްވަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ފޯމްގެ މަސައްކަތް ކުރިއަށް ދިޔަ އިރު އެތަނަށް އިހުސާން ވަޑައިގަތީ ޕިއްޒާ ކެއުމަށްކަމަށް މިއަދުވެސް ވަނީ ވިދާޅުވެފަ އެވެ.

21 ޖެނުއަރީގައި ޑީއެންއާރުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވަނީ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުން ޑީއެންއާރު ތެރޭގައި ޕީއެންސީއަށް ފޯމް ފުރިކަމަށް ވަނީ އިއުތިރާފުވެފަ އެވެ. އަދި އެދުވަހުވެސް ޑީއެންއާރަށް ކުރެވޭ ތުހުމަތު ތަކަށް ޖަވާބުދާރީ ނުވެވި އެތަނުގެ އިސްވެރިން ވަނީ ނޫސްވެރިންނަށް ފިއްލަވާފަ އެވެ.

ލީކް ވެފައިވާ ޑީއެންއާރްގެ ފޮޓޯތަކުގައި އާންމުންގެ މައުލޫމާތު ހިމެނޭ ގިނަ ލިސްޓްތަށް ގެންގުޅޭ މަންޒަރާއި އަތުގެ ހުރިހާ އިނގިއްޔަކުން ފިންގާޕްރިންޓް ޖެހިކަމުގެ ފޮޓޯތައްވެސް ވަނީ ފެނިގެން ގޮސްފަ އެވެ.