މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ކަނޑުމަހާއި ކަނޑުގެ އުފެއްދުންތައް ކެއުމުގައި ބޭނުންކުރާ ގައުމަކަށް ދިވެހި ރާއްޖެ ހޮވިއްޖެ އެވެ.
ޓިކްޓޮކް ޕޭޖެއް ކަމަށްވާ "ޓްރޭޑް ލައިފް"އިން ނެރެފައިވާ "ދުނިޔޭގައި އެންމެ ގިނައިން މަސް ބޭނުންކުރާ ތިިން ގައުުމު" ވީޑިއޯގައި ރާއްޖެ އޮތީ ލިސްޓުގެ އެންމެ ކުރީގަ އެވެ.
އެ ވީޑިއޯގައި ބުނާ ގޮތުން އަހަރެއްގެ މައްޗަށް ދިވެހި ކޮންމެ ރައްޔިތަކު 130 ކިލޯގެ މަސް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ކަނޑުމަހާއި ސީފުޑްގެ އެކި ބާވަތްތައް ހިމެނެ އެވެ.
އެގޮތުން ދިވެހިރާއްޖޭގައި މަހުގެ ބާވަތްތަކުން އެކި ބާވަތްތައް ތައްޔާރުކުރާ ކަމަށާއި އޭގެ ތެރެއިން ވެސް "މަސްހުނި" ފާހަގަކޮށްލެވޭ ކަމަށް އެ ވީޑިއޯގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް ދިވެހި ރާއްޖެއަކީ އެހެން ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި ވެސް ކުރީގައި އުޅޭ ގައުމެއް ކަމަށް އެ ވީޑިއޯގައި ފާހަގަކޮށްފައިވެ އެވެ.
ދިވެހި ރާއްޖޭގެ ފަހަތުން ލިސްޓުގެ ދެވަނަ ހޯދާފައިވާ އައިސްލޭންޑުގެ ކޮންމެ ރައްޔިތަކު އަހަރެއްގެ މައްޗަށް 82 ކިލޯގެ މަސް ބޭނުންކުރާއިރު ތިންވަނައިގައި އޮތް ޖަޕާންގެ ރައްޔިތުން ބޮލަކަށް ބޭނުންކުރަނީ 50 ކިލޯގެ މަހެވެ.
އެ ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ދިވެހިން އަންނަނީ ވަރީގެ ރޭޓު ފިޔަވައި އެހެން ލިސްޓަކުން ދުނިޔޭގެ އެއްވަނަ ރާއްޖެއަށް ލިބިފައިވާކަން ފާހަގަ ކުރަމުންނެވެ.