ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެމަނިކުފާނަށް ގެއްލުންދީ މަރައިލަފާނެ ކަމަށް ބުނެ ލަންކާ މީހަކު މަރުގެ އިންޒާރުތަކެއް ދިން މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ނަދީޝް ޕެރެރާ ނަމަކަށް ކިޔާ ލަންކާގެ ރައްޔިތަކު ގެންދަނީ އެކްސްގައި މިނިސްޓަރު ހަލީލުގެ ފޮޓޯ ހިއްސާކޮށް އެކި ކަހަލަ އިންޒާރުދެމުންނެވެ.
އޭނާ މިނިސްޓަރު ހަލީލްއަށް ދިން ނުސީދާ އިންޒާރުތަކުގެ ތެރޭގައި، އެމަނިކުފާނުގެ ކާރު ސްރީލަންކާގައި އެކްސިޑެންޓުވެ، އަލިފާނުގެ ހާދިސާއެއް ހިނގަފާނެ ކަމަށް ނުސީދާކޮށް ބުނެ އޭގެ ސަބަބުން ހަލީލް މަރުވެދާނެ ކަމަށް ބުނެފައިވެއެވެ. އަދި ހަލީލުގެ ކާރު ދުއްވާ ޑްރައިވަރު ވަރަށް ސަމާލުވުމަށް އޭނާ އިންޒާރު ދީފައި ވެއެވެ.
ހަލީލްއަށް ކޮލަމްބޯގައި ރައްކާތެރިކަން އެބައޮތްތޯ ސުވާލު އުފައްދައި އެ މީހާ ބުނެފައި ވަނީ ހަލީލް ނިދާފައި ހޭލާއިރު ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް މަދުވެ ދާނެ ކަމަށާއި ނިދި ތަން ނޫން އެހެން ތަނެއްގައި އޮއްވައި ވެސް ހޭލެވިދާނެ ކަމަށް ވެސް އެއް ޕޯސްޓުގައި ބުނެފައި ވެއެވެ.
https://x.com/NadeeshSL/status/1892128016400105621
މިކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅުންހުރި އިދާރާތަކާއެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފެންމަތިވެފައިވާއިރު ގިނަ ބަޔަކު ދަނީ މިނިސްޓަރު ޚަލީލްގެ ސަލާމަތާ ރައްކާތެރިކަމާ މެދު ސުވާލު އުފައްދަމުންނެވެ.
އިންޒާރު ދިނީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ ސްރީލަންކާ މީހެކެވެ. އެ މީހާގެ ދަރިޔަކު ވެސް ދިވެއްސަކަށް ހުރެ އެވެ. ނަމަވެސް އެ ކުއްޖާ ދެކިލުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރާ ގުޅޭގޮތުން ވެސް އޭނާ ގިނަ ޕޯސްޓުތަކެއް އެކްސްގައި ކޮށްފައިވެ އެވެ.
ލަންކާ މީހާ ވަނީ މިނިސްޓަރު ހަލީލުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން ވަހީދަށް ވެސް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުގެ މެސެޖުތަކެއް މީސް މީޑީޔާއަށް ދޫކޮށްލާފައެވެ.