ރައީސް މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ބައްދަލުކުރެއްވީ ބިލްތަކާމެދު މަޝްވަރާ ކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވަނިކޮށް ކުއްލި ގޮތަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން އެކްސްގައި ހީނާ ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުއާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

"މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވި. މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ރައީސް މުއިއްޒު ބައްދަލުކުރެއްވިއިރު އަބްދުއްރަހީމުގެ ދަރިފުޅު އިބްރާހިމް ފައިސަލް މިދިޔަ މަހު ފަހުކޮޅު ޓޫރިޒަމް މިނިސްޓަރުކަމުން ވަނީ ވަކިކުރައްވައިފަ އެވެ. އަދި އެކަމާ ހިތްހަމަޖެހިވަޑައިނުގެން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ރައީސް އާ ކުރިން އޮތް ފަދަ ގާތް ގުޅުމެއް އޮތް ނަމަ އެކަމާ ގުޅިގެން ކުޑަނަމަވެސް މަޝްވަރާއެއް ވެސް އެމަނިކުފާނާ ކުރެވީސް ކަމަށެވެ. ނަމަވެސް އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް ފައިސަލް ވަކިކުރުމުން ދޭހަވީ ރައީސް އާ އޭނާ އާ ދެމެދު އޮތް ގާތް ގުޅުން މިހާރު ނެތްކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމް ޕާޓީއިން ވެސް އެކަހެރިކޮށް ޕާޓީ ހިންގުމުގެ ހުރިހާ ބާރެއްވެސް އަނބުރާ ނަގާފައި ކަމަށްވެސް އެނގިފައިވެ އެވެ. އެގޮތުން ޕީއެންސީގެ އޮފީހުގައި ހުންނަ ޗެއާޕާސަންގެ ކެބިންގެ ތަޅު ވެސް ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ބަދަލުކޮށް އަބްދުއްރަހީމްގެ އެކްސެސް އެތަނުން ކަނޑާލާފައިވާ ކަމަށް ވެސް ވެ އެވެ.