ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ފްރޭމްކޮށްގެން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން މަސައްކަތް ކުރާކަން "ހުރިހާ"އަށް އެނގިއްޖެ އެވެ.

އެނގިފައިވާގޮތުގައި ސަރުކާރުން ބޭނުންވަނީ ސުލޫކީ މައްސަލައެއް ސާބިތުކޮށް ސުޕްރީމް ކޯޓުން ވަކިކުރެވެން ތިބި ފަނޑިޔާރުން އަވަހަށް ވަކިކޮށް ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ބަޔަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތަކެއް ދެކެވެމުންނެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު "ހުރިހާ"އަށް ކިޔައިދިންގޮތުގައި އެއީ ސަރުކާރު އަޑީގައި އޮވެގެން ފަތުރާ ދޮގު ވާހަކައެކެ އެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ސޮފްވަތު ހަބީބަށް ގުޅައި އޭނާ ބަންދުން ދޫކޮށްލަން ފަނޑިޔާރު މަހާޒު އެންގެވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ފަތުރަމުންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް "ހުރިހާ"އަށް މައުލޫމާތު ހިއްސާކުރި މީހާ ކިޔައިދިނެވެ.

"ކަނޑައެޅިގެން ދޮގެއް އެއީ. ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ވެސް އެކަން ދޮގު ކުރައްވާ. އެކަމަކު ފަނޑިޔާރުންނަށް ނޯންނާނެތާ ނޫސްތަކަށް މައުލޫމާތު ދެވެން،" އޭނާ ކިޔައިދިނެވެ.

އެނގިފައިވާގޮތުގައި ސޯޝަލް މީޑިއާގައި ވާހަކަދެކެވޭގޮތަށް ފަނޑިޔާރު މަހާޒު އަމަލުކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ އެހެން ފަނޑިޔާރަކު ލައްވައި ދޮގު ބަޔާނެއް ހޯދުމަށް ނުފޫޒު ގަދަ ބޭފުޅަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ބަޔާން ލިބިއްޖެނަމަ އޭގެމައްޗަށް ބިނާކޮށް އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީއަށް ހުށަހަޅަން އެ ނުފޫޒު ގަދަ ބޭފުޅާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ތުހުމަތުތަކަށް ފަނޑިޔާރުންގެ ވައިބާ ގްރޫޕްގައި ފަނޑިޔާރު މަހާޒު ވަނީ ރައްދު ދެއްވާފަ އެވެ. މަހާޒު ވިދާޅުވީ އޭނާ ނުފޫޒު ފޯރުވި ފަނޑިޔާރަކު ކްރިމިނަލް ކޯޓުގައި ހުރިނަމަ، ނުފޫޒު ފޯރުވިގޮތެއް ވެސް އަންގާލަންވާނެ ކަމަށެވެ.

"ސީއާރްސީގެ މި ފަނޑިޔާރު ހުރިއްޔާ އަންގާލަންވާނެ، ނުފޫޒު ފޯރުވިގޮތެއް ވެސް،" މަހާޒުގެ މައްސަލައެއް ބަލާ ކަމަށް ނޫހެއްގައި ލިޔެފައިވާ ހަބަރުގެ ލިންކާއެކު ފަނޑިޔާރުން ތިއްބަވާ ވައިބާ ގްރޫޕެއްގައި އޭނާ ވިދާޅުވި އެވެ.