މިފަދަ ބަދަލުތަކެއް ގެންނަން ނިންމާފައި މިވަނީ ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް އާސަންދައިން ލިބެން ނުހުރުމާއި އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ވެސް ފާމަސީތަކުން އާސަންދަ ދަށުން ދޫނުކުރާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސް މުހައްމަދު މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިގޮތްތައް ކަނޑައެޅުއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު އެވެ.

އެގޮތުން ބޭސް ސިޓީގައި އާސަންދައިން ލިބޭނެ ބޭސްތައް ހިމެނޭ ކަން ކަށަވަރުކުރުމަށާއި ލިބެން ހުންނަ ބޭސްތައް ޑޮކްޓަރުންނާއި އާންމުންނަށް އެނގޭނެ ގޮތެއް ހަމަޖައްސަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

  1. ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
  2. ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލައި ނިންމުން.
  3. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން ލިބެން ހުރި ބޭސް ފެންނާނެގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
  4. މި ބަދަލަށް (ޕޮއިންޓް 3) ޑޮކްޓަރުން އަހުލުވެރިކުރުވުން. ހިމެނޭ

މީގެ އިތުރުން ޒަރޫރީ ބޭސްތައް މެދުކެނޑުމެއް ނެތި ބަލިމީހާއަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް ވެސް ކެބިނެޓުން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  2. އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލްތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އުސޫލުތަކުގެ ތެރެއިން އެސް.ޓީ.އޯ އަށް ލިބޭނެ ގޮތް ހަމަޖެއްސުން. މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުން، އެސްޓީއޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް (މެނުފެކްޗަރާ) މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން.
  3. މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ 4 ޖީޕީ ކްލިނިކުން އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯއިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުން.
  5. ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ހައްލުކުރުން.
  6. އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސްޓީއޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
  7. އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމްއެފްޑީއޭގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވައިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން.

މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް އާސަންދައިން ލިބެން ނުހުރުމާއި އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ވެސް ފާމަސީތަކުން އާސަންދަ ދަށުން ދޫނުކުރާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.