ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ފިޔަވަަޅުތައް އެޅުން ލަސްވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔަ ސަބަބު ވެސް އަދި ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.
"ވަރަށް ކަންބޮޑުވާ ކަމެއް އަޅުގަނޑުމެންގެ އާމްދަނީ ވަރަށް ޝާޕް ކޮށް ފޯލް ވެއްޖެ,، އަދި ފޯލްވި ސަބަބެއް މީހަކަށް އެނގޭ ގޮތަކަށް އަދި ބުނެދެވިފައެއް ނެތް،" މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް އިއްޔެ ވިދާޅުވި އެވެ.
ވެރިކަން ކުރާ ޕީއެންސީ ތަމްސީލު ކުރައްވާ މެމްބަރު ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔައީ، ޑިއުޓީ ކުޑަ ކުރުމުގެ ކުރިން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރުމާއެކު، އެ ސްޓޮކް ހުސް ނުވާތީ، ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑު ޖެހި، ސަރުކާރުން އުއްމީދު ކުރި އާމްދަނީ ސިނގިރޭޓުން ނުލިބޭތީ ކަމަށެވެ.
"އެހެން ނަމަވެސް ހިސާބު އަކުރު އެނގޭތީ އެނގޭ މިހާރު މިވަނީ ކީއްކަން، އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ސިނގިރެޓުން ކަން، ސިނގިރެޓު އެތެރެ ކުރުން މިހާރު އޮތީ މަޑު ޖެހިލާފަ ކަން، އޭރު ސިނގިރޭޓުގެ އަގު ވަރަށް ކުޑަކޮށް އޮތް އިރު ވަރަށް ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކޮށްފައި ޑިއުޓީ ދައްކާފައި ހުރީމަ، ސިނގިރޭޓުގެ ސްޓޮކް ހުސް ނުވާތީ، އަދި ސިނގިރެޓް އެތެރެ ނުކުރާތީ ސިނގިރެޓުން އެބައި ނުލިބެތީ، އާމްދަނީ ދައްވީކަން އަޅުގަނޑު މެންނަށް އެބަ އިނގޭ،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި އިގްތިސާދު ރަނގަޅުވަމުންދާ ތަނެއް ވެސް އަދި ޚަރަދު ކުޑަކުރެވޭ ތަނެއް ވެސް ނުފެންނަ ކަމަށެވެ.
"އިގްތިސާދު ރަނގަޅު ވާތަނެއް އަދި ނުފެނޭ.. އަދި ޚަރަދުތައް ކުޑަކުރެވޭތީ އެއްވެސް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، އާސަންދައިގެ ޚަރަދުތައް ތިން ބިލިއަނަށް ވުރެ އިތުރުވެފައިވާ ކަމަށާއި، އެއީ ދިވެހި ދައުލަތައް މިދިޔަ އަހަރު ލިބުނު އާމްދަނީގެ 10 ޕަސެންޓާ ގާތްކުރާ އަދަދެއް ކަމަށެވެ. އަދި އާމްދަނީ އަށް ލިބުނީ 34 ބިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާމްދަނީ މިގޮތައް އިތުރު ކުއާޓާއެއްގައި ފޯލް ވެއްޖެ ކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް އެހެން ނުނީ ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނޯންނާނެ؛" ނާޒިމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު މުސާރަ ދީފައި ރިފޯމް ކޮމިޝަނަރެއް މިހާރު އެބަހުންނެވި ކަމަށާއި، ރިފޯމްތަކަށް ސުންގަޑި ކަނޑައެޅި އެކަން ތަންފީޒު ކުރަން އެބަ ޖެހޭ ކަމަށެވެ.
ނާޒިމް މިހެން ވިދާޅުވިއިރު މިދިޔަ މަހު ދައުލަތައް ލިބުނު ޖުމްލަ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި، ދައުލަތައް އާމްދަނީ ވަންނަ މައިގަނޑު ހުރިހާ ދާއިރާއަކުން ކަހަލަ ގޮތައް އާމްދަނީ ދަށްވެފައިވާ ކަން ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު މާލީ ހިސާބުތަކުން ދައްކަ އެވެ.
އޭގެ ތެރޭގައި ޓެކްސް އާމްދަނީ އާއި، ޓެކްސް ނޫން އާމްދަނީ އާއި، އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ އާއި އަމިއްލަ ފަރާތްތަކުން ދައްކާ އިންކަމް ޓެކްސް އާއި ވިޔަފާރި ފައިދާ އިން ދައްކާ ޓެކްސް އާއި، ޖީއެސްޓީ އާއި ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮމްޕަންޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އާއި ފީތަކާއި ކުލިން ލިބޭ ވަނީ ދަށަށް ގޮސްފަ އެވެ.
މި އަހަރު ފެށިގެން ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 874 މިލިއަން ރުފިޔާ މަދުން ކަމަށް ފިނޭންސް އިން އާންމު ކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.