ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާނަމަ މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތާ ޚިލާފު ނިންމުމެކެވެ.
މިނިސްޓަރު އިހުސާންއަށް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އާންމު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުންގެ ވޯޓުންނެވެ. އެގޮތުން ގިނަ މެންބަރުން ވަނީ މި މައްސަލައިގައި ޖަވާބުދާރީވުމަށް ވަޒީރަށް ވީހާވެސް ގިނަ ވަގުތު ދިނުމަށް ފެންނަ ކަމަށް ވިދާޅުވެފަ އެވެ.
ކޮމިޓީގައި އިންނަވާ އިހުސާންގެ ބައްޕާފުޅު އަދި މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށް ހުށަހަޅަން ފެންނަ ކަމަށާ މި މައްސަލައިގައި މިނިސްޓަރު ވެސް ޖަވާބުދާރީވާން ވީހާވެސް ގިނަ ވަގުތެއް ދޭން އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން މައްސަލައިގައި ރައްޔިތުނަށް ވަޒީރު ސާފުކޮށްދޭން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހިމެނޭތީ އެކަށީގެންވާ ފުރުސަތު ޖަވާބުދާރީވާން ދޭން ޖެހޭނެ ކަމަށް ވެސް ބައެއް އެހެން މެމްބަރުން ހާމަކޮށްފައިވެ އެވެ.
އެގޮތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ، ރައްޔިތުންނަށް މީގައި ވަރަށް ބައިވަރު ކަންކަން މިނިސްޓަރުގެ ފަރާތްޕުޅުން އެނގެންޖެހޭ ކަމަށާ އަދި މިނިސްޓަރަށް އެކަށީގެންވާ ފުރުސަތާ ވަގުތު ޖަވާބުދާރީވުމަށް ދޭންޖެހޭ ކަމަށެވެ. އެހެންކަމުން ބަހުސްއަށް ވުރެ ޖަވާބުދާރީވާން ދޭ ވަގުތު ބޮޑުވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އޮންނަ އުސޫލުން ނަމަ ސުވާލުކުރުމަށް ދޮޅުގަޑިއިރު ހަމަޖެހިފައިވާއިރު، ޖަވާބުދެއްވުމަށް ވަޒީރަށް ލިބިވަޑައިގަންނަވާނީ ބައިގަޑި އިރެވެ. ނަމަވެސް ގިނަ މެންބަރުންގެ އިއްތިފާގުން ކޮމިޓީން ނިންމީ ހޮޅުދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއް ރަހުމާނު ތާއީދުކުރެއްވި ގޮތަށް ބަހުސްއަށް އެއްގަޑިއިރު އަދި ޖަވާބުދާރީވުމަށް ވަޒީރަށްވެސް އެއްގަޑިއިރު ދިނުމަށެވެ. އެގޮތުން ކޮމިޓީއަށް ހާޒިރުވެ ތިއްބެވި 11 މެންބަރުންގެ ތެރެއިން ވަޒީރަށް އިތުރު ވަގުތު ދެއްވުމަށް 9 މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލައިގައި މައިގަނޑު ތިން ކަމެއް ފާހަގަކޮށްފައިވެ އެވެ. އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް އޭނާ ކުރައްވާފައިވާ ކަމަށް އެ މައްސަލައިގައިވެ އެވެ.
އިހުސާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. މީގެ އިތުރުން، ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ޖިނާއީ ކުށުގެ ޢަމަލުތައް ތަހުގީގުކުރަން ހުރަސް އެޅިކަމަށާއި، ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުތައް ވެސް ކުރެވެ އެވެ.
ހަމައެހެންމެ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސް ބޭނުންކޮށްގެން އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދިކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.