ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ހަވީރު ޕީއެންސީ ހަރުގޭގައި އިންނަވާ ނުކުމެވަޑައިގަނެ ކާރަށް އަރާ ވަޑައިގަންނަވަނިކޮށް އެ ހިސާބުގައި ހުރި ނޫސްވެރިޔަކު ދެ ސުވާލެއް އެބައޮތް ކަމަށް ބުނެ ސުވާލު ކުރަން މަސައްކަތް ކުރުމުންނެވެ.
ޕީއެންސީ އޮފީހުގައި ހުރި އަބްދުއްރަހީމުގެ ކެބިންގެ ތަޅު ބަދަލުކޮށް އޭނާ ޕާޓީ އޮފީހުން ބޭރުކޮށްލާފައިވަނިކޮށް އަބްދުއްރަހީމު ޕީއެންސީ ހަރުގެއަށް ވަޑައިގެންނެވީ ކީއްކުރަން ކަމެއް ސާފުވާގޮތް ނުވެ އެވެ. ނަމަވެސް އަބްދުއްރަހީމް އަރިހު މަޖިލީހުގެ ބައެއް މެމްބަރުން ހަރުގޭގައި ގޮނޑި އަޅައިގެން ތިބި މަންޒަރު ސޯޝަލްމީޑިއާގައި ދައުރުވެފައިވެ އެވެ.
އެ މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ސ. ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއާ ހެންވޭރު ހުލަނގު ދާއިރާ މެމްބަރު އަލީ އިބްރާހިމު (ކައްޕި) ވެސް ހިމެނެ އެވެ.
އަބްދުއްރަހީމް ޕީއެންސީ ޖަގަހައަށް ވަޑައިގެންފައި މިވަނީ ރައީސް މުހައްމަދު މުއިއްޒުއާ އަބްދުއްރަހީމާ ގުޅުން ގޯސްވެ، ސިޔާސީ މަސައްކަތުން އޭނާގެ ހިލަމެއް ނުވާތާ ދުވަސްތަކެއް ފަހުންނެވެ.