އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް މިދިޔަ ލިބުނު އާމްދަނީ ދަށްވީ ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މައާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުން ވެސް ޑިއުޓީ މައާފުވެ އެވެ.
މިއެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން މަހަކަށް ވުރެ ގިނަ ދުވަސްވިއިރު، އިމްޕޯޓް ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރުމަންނެވެ. އަދި އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުވައިގެން ވާހަކަދެކެވޭތީ ސައީދު ވަނީ އެ ފޯރަމްގައި ތަފުސީލްކޮށް އެ ވާހަކަދައްކަވައިފަ އެވެ.
ސަރުކާރުން ބޭއްވި "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޗައިނާއިން 1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. މީގެ ސީއައިއެފް ވެލިއު އަކީ 34 މިލިޔަން ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ ތެރެއިން އެފްޓީއޭގެ ލުއި ލިބިފައިވަނީ 2.3 މިލިޔަން ރުފިޔާ. އެއީ ޖުމްލަ އިމްޕޯޓުގެ އެއް އިންސަންތަ. އެހެންވީމަ [ޑިއުޓީ ދަށްވުމާއި] އެފްޓީއޭއަކާއި ގުޅުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިފަދަ އެއްބަސްވުންތައް އެކުލަވާލާ އަމަލުކުރުމުގައި ރާއްޖެއާއި ބޮޑެތި ގައުމުތަކުގެ ވިސްނުން ތަފާތުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާއިރު މިފަދަ އެއްބަސްވުންތަކުގެ ސަބަބުން މީގެ އެންމެ ބޮޑު ފައިދާއެއް ވާނީ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ އިމްޕޯޓް ޑިޕެންޑެންޓް ގައުމެއް. ރާއްޖެއަށް ބޭނުންވާ މުދާ ރާއްޖެއަށް ފަހި ގޮތަކަށް ގެނެވުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިދާވާނެ. އެ މުދާ ބޭނުން ކުރާ އާންމު ރައްޔިތުންނަށް ފައިދާވާނެ. އެއަކަށް ބޮޑު ޓެރިފް ރޭޓްތަކެއް ބޮޑު ބޭންޑުތަކެއް ގެނައުމެއް ބޭނުމެއް ނޫން،" ސައީދު ވިދާޅުވި އެވެ.