މެދުކެނޑުމަކަށްފަހު އެމެރިކާގެ ގޫގުލް ޕްލޭ ސްޓޯރު އަދި އެޕަލް ސްޓޯރުން ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓިކްޓޮކް ޑައުންލޯޑު ކުރެވޭ ގޮތް ހަދައިފި އެވެ.

އެމެރިކާގައި އަލުން ޓިކްޓޮކް ޑައުންލޯޑު ކުރެވޭ ގޮތް ހަދާފައި މިވަނީ މިދިޔަ އޭޕްރީލް މަހު އޭރުގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރެއްވި ގާނޫނަކާއެކު އެގައުމުގައި ޓިކްޓޮކް ޑައުންލޯޑު ނުކުރެވޭ ގޮތް ހަދާފައި ވަނިކޮށެވެ.

ޓިކްޓޮކް ފަދަ ބޭރު ގައުމުތަކުގެ ކުންފުނިތަކުން އުފައްދާފައިވާ އެޕްލިކޭޝަންތަކުން އެމެރިކާގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނާ އެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އެމެރިކާގައި ކުޑަ ވަގުތުކޮޅަކަށް ޓިކްޓޮކްގެ ހިދުމަތް މެދުކެނޑިފައި ވެސްވެ އެވެ.

މި ގާނޫނާއެކު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ޓިކްޓޮކް އެމެރިކާ ނުވަތަ އެގައުމުން ވާގިވެރިވާ ކުންފުންޏަކަށް ވިއްކާލަން 270 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް ބައިޓްޑާންސްއިން ޓިކްޓޮކް ވިއްކާލާފައެއް ނުވެ އެވެ.

އެމެރިކާގެ ރައީސް ކަމުގެ އާ ދައުރަކަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕްގެ އެންމެ މުހިއްމު އެއް ވައުދަކަށްވީ އެމެރިކާއަށް ޓިކްޓޮކް އަނބުރާ ގެނައުމެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ރައްޔިތުންނަށް ޕްލޭސްޓޯ އަދި އެޕަލް ސްޓޯރުން ޓިކްޓޮކް ޑައުންލޯޑު ކުރެވޭ ގޮތް ހަދާފައިވަނީ އެ ވައުދުގެ ދަށުންނެވެ.