ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މައްސަލަ ނުބަލައި ފައިލް ކުރަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެ ކޮމިޓީން ބަލަން އުޅުނީ މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ދުވަހު މަޖިލީހަށް ނިސްބަތްވާ ގޮތަށް އޭނާ ކުރެއްވި ތުހުމަތުތަކެއްގެ މައްސަލަ އެވެ.
މިނިސްޓަރުންގެ މަސައްކަތަށް މަޖިލީހުން ހުރަސްއަޅާ ކަމަށް މަލީހު އެދުވަހު ތުހުމަތު ކުރެއްވި އެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާ އެވެ. މަލީހު ވިދާޅުވީ ޝިދާތާ އިސްތިއުފާ ދެއްވީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ބިރުދެއްކުމުން ކަމަށެވެ.
މައްސަލަ ބެލުމަށް ކަމަށް ބުނެ މި ހަފްތާގައި މަލީހު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އޭނާ މަޖިލީހަށް ހާޒިރުކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ މެމްބަރުންގެ ސުވާލުތަކަށް މަލީހު ޖަވާބެއް ނުދެއްވަ އެވެ.
މަލީހުގެ ތުހުމަތުތައް އިމްތިޔާޒް އަދި ސުލޫކު ކޮމިޓީން ތަހުގީގުކުރަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަލީހު މަޖިލީހަށް ހާޒިރުކުރި ދުވަހު ރައީސް ނަޝީދު އޭނައާ މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވީ ވަރަށް ޒާތީކޮށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް އަމާޒުވި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ މައްސަލަ ފައިލް ކުރަން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. އެ ހުށަހެޅުއްވުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ތާއީދުކުރެއްވި އެވެ. ރައީސް ނަޝީދުގެ އެންގެވުމާ ޚިލާފަށް އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވާ ކޮންމެ މީހަކަށް ޖެއްސުން ކުރުމުގެ ސަގާފަތެއް އެމްޑީޕީން ފަށާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މަލީޙުގެ މައްސަލައެއް އޮތް ނަމަ ނޫން ބެލޭނީ. މަޖިލީހުގައި އެ ތިބީ 65 މޮޔައިން މިބައިގަނޑަށް ކޮން މައްސަލައެއް ބެލޭނީ