މާލެއިން މީހަކު ރަށަށް ދާންވިއަސް އެޗްޕީއޭގެ ހުއްދަ ބޭނުންވެ އެވެ. ފިހާރަތައް ހުޅުވާގަޑިއާ ބަންދުކުރަންވާ ގަޑި ކަނޑައަޅަނީ އެޗްޕީއޭއިންނެވެ. އެއާޕޯޓްތައް ބަހައްޓާނީ ހުޅުވާފައިތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރުވެސް އޮތީ ހަމައެޗްޕީއޭގެ އަތްމަތީގަ އެވެ. މިއީ ކޮވިޑް ނަވާރަ ރާއްޖޭގައި ފެތުރެން ފެށިފަހުން ރާއްޖޭގައި ކަންތައް އޮތްގޮތެވެ.
ދުނިޔޭގެ އެހެން ގައުމު ތަކެކޭ ވެސް އެއްފަދައިން ރާއްޖޭގައި ވެސް ކޮވިޑު ނަވާރައިން ސަލާމަތްވުމަށްޓަކައި އަޅާ ފިޔަވަޅުތަކަކީ ގައުމުގެ އިގުތިސާދަށް ނުހަނު ގެއްލުން ހުރި ފިޔަވަޅުތަކެކެވެ. މި ބަލިމަޑުކަން ފެތުރުނީއްސުރެ މިހާތަނަށް އެތައް ވިޔަފާރިއެއް ބަނގުރޫޓުވެ އެތައް ބައެއްގެ ވަޒީފާ ގެއްލި ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ތަކުލީފު ތަކެއް ވަނީ ކުރިމަތި ވެފަ އެވެ. އެހެންކަމުން އެޗްޕީއޭގެ ނިންމުންތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމުގައި ވިޔަސް މި ފިޔަވަޅުތަކާ މެދު އެންމެންގެ ރުހުމެއް ނުލިބެ އެވެ. ބަލިމަޑުކަމުގެ ހާލަތު ދިގުލައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުވަމުންދާ ވަރަކަށް އެކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ދަނީ ބޮޑުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެޗްޕީއޭއާ މެދު މީހުންގެ ހިތުގައި ނުރުހުންވުން ވެސް މަޑުމަޑުން އަންނަނީ އިތުރު ވަމުންނެވެ.
އެޗްޕީއޭއާ މެދު މީހުންގެ ނަފުރަތު އިތުރުވަނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. އެޗްޕީއޭއިން އަޅާ ކިތަންމެ ކުޑަ ފިޔަވަޅަކީ ވެސް އެކަމުގެ ސީދާ އުނދަގުލާއި ދަތި ރައްޔިތުންނަށް ފޯރާ ކަންކަމުގައިވެފައި ބައެއް ފަހަރު އެ ފިޔަވަޅުތަކަކީ ވަގުތާއި ހާލަތަށް ބަލާއިރު އެންމެ އެކަށޭނަ ފިޔަވަޅުތޯ ސުވާލު އުފެދޭ ހިސާބަށް ވެސް ކަންތައް ދިއުމުގެ އިތުރުން ކުރިމަތިވަމުން އަންނަ އިންތިޚާބަށް އަސަރު ފޯރާ ފަދަ ފިޔަވަޅުތައް އޭގެ ތެރޭގައި ހުރުމަކީ އެޗްޕީއޭގެ ނިންމުންތަކާ މެދު ނުރުހުން ވާން ޖެހޭ ސަބަބެކެވެ. މީގެ އިތުރުން ހެނދުނު އިއުލާންކުރާ ފިޔަވަޅު ހަވީރު ބަދަލުކުރުން ފަދަ ކަންތައް ވެސް ފަހަކަށް އައިސް އަންނަނީ ދިމާވަމުންނެވެ.
ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ނުވަތަ އެހެން ބޭނުމެއްގައި ނަމަވެސް މިމައްސަލައިގެ ތެރެއަށް މިހާރު ވަނީ މަޖިލީހުން ވެސް ވަދެފަ އެވެ. މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ހާޒިރު ކޮށް ވަނީ ސުއާލު ކޮށްފަ އެވެ. އެޗްޕީއޭގެ ބޮލުގައި ބަދުނާމުތަކެއް އަޅުވައި ވަކިބަޔަކަށް މާލީމަންފާ ލިބޭ ގޮތަށް އެތަން ހިންގާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)ގެ އެ ތުހުމަތު ތަކަށް ޖަވާބު ދެއްވަމުން މައިމޫނާވިދާޅުވި ގޮތުގައި އެޗްޕީއޭ ހިންގަނީ ހެލްތު މިނިސްޓަރުގެ ބެއްލެވެމުގެ ދަށުން އެމަނިކުފާނުގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ނިންމާ ނިންމުންތަކަކީ މިނިސްޓަރުގެ ފަހުބަސް ލިބިގެން ނިންމާ ނިންމުންތަކެކެވެ. މާނައަކީ އެޗްޕީއޭ ގެ ނިންމުންތަކަކީ ސަރުކާރުގެ އެންމެ މަތީން ނިންމާ ނިންމުން ތަކެކެވެ. ރައީސުލް ޖުމުހޫރިއްޔާ ވެސް މިކަމުގައި ޝާމިލު ވެވަޑައިގަންނަވަ އެވެ. އެހެނަސް ސުވާލަކީ ރައީސުލް ޖުމުހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތުން ސަރުކާރުގެ އިސް ވެރިން ކޮބައިތޯ އެވެ. ކެމެރާ ކުރިމައްޗަކަށް ނާރަ އެވެ. ރައްޔިތުންނާ ބައްދަލެއް ނުކުރެ އެވެ. ނޫސްވެރިންގެ އަތަކު ނުޖެހެ އެވެ.
ދިވެހިރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ އެހެންގައުމުތަކަށްވެސް ކޮވިޑުގެ ބަލިމަޑުކަން ޖެހުނެވެ. ރާއްޖޭގައި އެޅިފަދަ ނުވަތަ އެއަށްވުރެ ވެސް ހަރުކަށި ފިޔަވަޅުތައް އެ ގައުމުތަކުގައި ވެސް އެޅި އެވެ. ރާއްޖެއާ ޚިލާފަށް އެހެން ގައުމުތަކުގައި ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ އިސް ސަފުން ފެންނަނީ އެ ގައުމުތަކުގެ އެންމެ އިސް ވެރިންނެވެ. އަޅަން ޖެހޭ ފިޔަވަޅުތައް ނިމައި، އެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެސް އެންމެ އިސް ރޯލެއް އަދާކުރަނީ އެ ގައުމުތަކުގެ ވެރިންނެވެ. އެމެރިކާގައި ނަމަ އެއީ ގައުމުގެ ރައީސެވެ. އިނގިރޭސިވިލާތުގައި ނަމަ އެއީ ބޮޑުވަޒީރެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ އިސް ވެރިންނަށް ވަނީ ކޮވިޑު ވެސް ޖެހިފަ އެވެ. އިނގިރޭސިވިލާތާއި ކެނެޑާއާއި އެމެރިކާ ފަދަ ގައުމުތަކުގެ އެންމެ އިސް ވެރިންނަށް ކޮވިޑުގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނެވެ.
އެޗްޕީއޭ އަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް އޮންނަ އިދާރާ އެކެވެ. ބައެއް ގައުމުތަކުގައި ނަން ތަފާތު ވެދާނެ އެވެ. އިނގިރޭސި ވިލާތުގައި އޮންނަނީ ދިވެހިރާއްޖެއެކޭ އެއްފަދައިން އެޗްޕީއޭ އެކެވެ. އެތާގައި ދުނިޔޭގެ ނިސްބަތުން ބޮޑެތި ސައިންޓިސްޓުން ތިބެ އެވެ. ގާނޫނުގައި ލިބިފައި އޮންނަ ބާރުތައް ވެސް ރާއްޖެއެކޭ ދާދި އެއްގޮތެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ނިންމަންޖެހޭ ކަންތައް ނިންމަނީ އެޗްޕީއޭގެ ލަފާގެ މަތިން ސަރުކާރުގެ އެންމެ އިސްވެރިޔާ އެވެ. ނިންމަންޖެހޭ ނިންމުންތަކަކީ ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަންތަކަށް ވާތީ އެވެ. ގައުމުގެ ވެރިޔާއަކީ ސަރުކާރުން ނިންމާ ނިންމުތަކުގެ ނަތީޖާ މެދު ސީދާ ޒިންމާވާން ޖެހޭ ފަރާތްކަމުންނެވެ.
ދިވެހިރާއްޖޭގައި ކަންތައް ހިނގާތަން ފެންނަނީ އޭގެ އިދިކޮޅަށެވެ. ރައްޔިތުންގެ ކުރިމައްޗަށް އެޗްޕީއޭ ނެރެ، ވެރިން ބޭނުންވާ ގޮތަކަށް އެ މީހުން ލައްވައި އެކިއެކި އަމުރު ނެރެނީ އެވެ. އެއިގެ ސަބަބުން އެންމެންގެ ނުރުހުން އަމާޒުވަނީ އެޗްޕީއޭ އަށެވެ. ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ވެރިން ތިބެނީ ފަރުދާގެ ފަހަތުގައި ފޮރުވިގެންނެވެ.
ވައިރަސް ދެކެ ރުޅި ނައިކަންވެސް ނަސީބެއް ????
މަޖްލިސް އިން ވަނީ ރައްޔިތުންނަށް ފައިދާ އެއްހޯދަ ދޭކަށް ނޫން އެބައިގަނޑަށް ކެމްޕޭން ނުކުރެވޭތީ . އެމީހުނަކީ ރައްޔިތުންނަށް ކަމެއް ކޮށްދޭނެބަޔެއް ނޫން އެމީހުން ބަލަނީ އެމީހުންގެ އަންބޮނޑި ބޮޑުކުރެވޭތޯ .