ގާނޫނުއަސާސީ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އިހުތިޖާޖުކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ. މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެ އެވެ.

އެމްޑީޕީން އިހުތިޖާޖު ކުރަން ނިންމީ ސަރުކާރުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސް، މެންބަރުންގެ ބާރުތައް ނިގުޅައިގަނެ، މަޖިލީހުގެ އެންމެހައި ބާރުތައް ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ނަންގަވާފައިވާތީ ކަމަށް އެ ޕާޓީން ބުނެ އެވެ. މެންބަރުންގެ ބާރުތައް ހަނިކުރުމަށް ގެނެވުނު ބަދަލުތައް ބާތިލުކޮށް، ކުރީގެ ހާލަތަށް ގާނޫނުއަސާސީ އަނބުރާ ގެނައުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށް ބުނެ އެމްޑީޕީން ވަނީ "ގާނޫނުއަސާސީގެ ދިފާއުގައި" އެކި އެއްވުންތަކާއި އިހުތިޖާޖުތައް ބާއްވާފަ އެވެ. އަދި މަޖިލިސް ހުޅުވާ ދުވަހު މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖުކޮށް އަޑުއުފުލުމަށް މިހާރު ވަނީ ނިންމާފަ އެވެ. މީގެއިތުރުން، ގާނޫނުއަސާސީއަށް ސަރުކާރުން ގެނައި ބަދަލުތައް އިސްލާހުކުރެވެންދެން މުޅި ރާއްޖޭގައި ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ.