އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއްވަވާ ރިޔާސީ ބަޔާނުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް މަޖިލީހުގެ އިދާރާއިން އިއުލާނުކޮށްފި އެވެ.
މަޖިލީހުން މިގޮތަށް މިއަދު ހާމަކުރި އިރު، ރައީސް މުއިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި ރައީސް ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރައްވާފަ އެވެ. އެކަމާއި ގުޅިގެން އަބްދުއްރަހީމް ވަނީ ރައީސްއާ އެކު އޮތް ގުޅުން ގޯސްވެފައިވާކަން މީޑިއާގައި ހާމަކުރައްވާފަ އެވެ.
އަބްދުއްރަހީމުގެ ގާތް މީހުން ސަރުކާރުގެ މަގާމުތަކުން ދަނީ ވަކިކުރަމުންނެވެ.
މި ހަފްތާގެ ތެރޭގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވަނީ އަބްދުއްރަހީމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާ ބެހޭ ގޮތުން މަޝްވަރާކުރަން ފަށާފަ އެވެ. އަދި ި ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމް އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ރައީސާއި އަބްދުއްތރަހީމްގެ ގުޅުން ގޯސްވެފައި ވީނަމަވެސް، މަޖިލީހުގެ ސީނިއާ މީޑިއާ އޮފިސަރު އަހްމަދު މާން އަސްއަދު މިއަދު ކަށަވަރުކޮށްދެއްވި ގޮތުގައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ.