ފެނަކީ އިންސާނާގެ ދިރިހުރުމަށް ޒަރޫރީ އެއްޗަކަށްވާއިރު ބޮވޭ ފެނުގެ ރައްކާތެރި ކަމަކީ ވެސް ސަަމާލުކަން ދޭންޖެހޭ ކަމެކެވެ. އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ ވާރޭ ފެން ނުވަތަ އިސްކުރު ފެން ބޯ ބަޔަކަށް ވާއިރު މިއީ ވިސްނާލުން މުހިއްމު ކަމެކެވެ.
ވާރޭ ފެން ރައްކާ ކުރުމުގައާއި އިސްކުރު ފެނުގައި ނުސާފު ކަމެއް ހުރުމުގެ ފުރުސަތު އޮންނައިރު އެ ފެން ރައްކާތެރި ފެނަކަށް ހަދަން ބައެއް ގޮތްތައް ވެސް ހުރެ އެވެ.
އެގޮތުން އެއްބަޔަކު ފިލްޓަރެއް ބޭނުން ކޮށްގެން ވާރޭފެނާއި އިސްކުރު ފެން ނަގާއިރު އަނެއް ބަޔަކު އެ ފެން ބޭނުން ކުރަނީ ކައްކައިގެންނެވެ. ސުވާލަކީ މިއިން އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ކުރެވޭ ސުވާލެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ކާބަން ފިލްޓަރެއް ބޭނުންކޮށްގެން ފެން ސާފު ކުރުމާއި ކައްކައިގެން ފެން ސާފު ކުރުމަކީ ވެސް ރަނގަޅު ދެގޮތެވެ.
އެހެން ނަމަވެސް އެ ދެގޮތް އަޅާ ކިޔާނަމަ އެންމެ ރަނގަޅީ ކެއްކުން ކަމަށާއި ސަބަބަކީ ހޫނުގެ ސަބަބުން ފެނުގައި ހުންނަ އެންމެ ކުދި ޖަރާސީމުތައް ވެސް މަރުވުމެވެ.
މިނަރަލް ފެން ބޯ މީހުންގެ އަދަދު ވެސް ގިނަ ވަމުން އަންނައިރު އެ ފެން ވެސް ކައްކައިގެން ބޭނުން ކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ނުސާފު ފެނަކީ ފުރާނައަށް ނުރައްކާތެރި ބަލިތައް ފެތުރޭ އެންމެ އާއްމު އެއް ސަބަބަށްވާއިރު ރައްކާތެރި ގޮތުގައި ފެން ބޭނުން ކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ.