ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުން ވަކި ކުރި 228 މީހުންގެ ތަފްސީލް ހާމަކުރުމަށް ދެކޮޅުހަދައި ސަރުކާރުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން ރައީސް އޮފީހަށް އެންގި އެންގުން ހައި ކޯޓުގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ ހަފްތާގަ އެވެ.

އިގްތިސޯދީ އިސްލާހީ ފިޔަވަޅެއްގެ ގޮތުން 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކި ކުރައްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހު އެވެ. އެގޮތުން ހަތް ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ވަކި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ފިޔަވަޅާއެކު 5.7 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ވެސް ސަލާމަތް ކުރެވޭނެ ކަމަށްވެސް ރައީސް އޭރު ވިދާޅުވި އެވެ.

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އައިކޮމްގައި ބައެއް ނޫސްތަކާއި އަމިއްލަ ފަރުދުން އެދުމުން ވަކިވަކިން އެ ތިން މައްސަލަ ބަލައި އެ މައުލޫމާތު ރައީސް އޮފީހުން ފަސް ދުވަހުގެ ތެރޭގައި ހާމަ ކުރުމަށް އައިކޮމްއިން ވަނީ ޑިސެމްބަރު މަހު އަންގާފަ އެވެ.

އައިކޮމްއިން ނިންމީ ސިޔާސީ މުވައްޒަފުންގެ ނަމާއި، މަގާމާއި، ވަޒީފާ އަދާކުރަމުން އައި ތަނާއި ވަޒީފާއިން ވަކިކުރި ތާރީހަކީ ޒާތީ މައުލޫމާތު ކަމަށް ރައީސް އޮފީހުން ފާހަގަކުރި ނަމަވެސް، އެ މައުލޫމާތު ދިނުމުން މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމަށެވެ.

ސިޔާސީ މަގާމު މަދުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ސިޔާސީ މަގާމުތަކުން މީހުން މަދު ނުކުރާއިރު، އޭގެ ފަހުންވެސް ވަނީ ބައެއް ފަރާތްތައް މަގާމުތަކަށް އައްޔަން ކުރައްވާފަ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަނީ ސިއްރުކޮށްފަ އެވެ. މީގެ ކުރީގެ ސަރުކާރުތަކުން ރައީސް އޮފީހުގެ ވެބްސައިޓްގައި އިސް ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ މައުލޫމާތު ހާމަކުރިނަމަވެސް މި ސަރުކާރުން އެއްބައި ހާމަކުރުމަށްފަހު އެކަންވެސް ވަނީ ހުއްޓާލާފައިކަން ފާހަގަކުރެވެ އެވެ.

ހައި ކޯޓަށް އޭޖީން ހުށަހެޅި މައްސަލަ މިހާތަނަށް ރަޖިސްޓްރީ ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.