މިދިޔަ މަހު ހަފުތާއަކަށް އެސްޓޯނިއާއަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.3 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއްކޮށްފި އެވެ.
އެ ދަތުރުފުޅުގެ ހުލާސާއެއް ހިމެނުމަށް ފަހު ދަތުރުފުޅަށް ހަރަދުވި ޖުމުލަ އަދަދު ރައީސް އޮފީހުން ހާމަކުރީ، އެ އޮފީހުގެ މީޑިއާ ގްރޫޕަށް ފޮނުވި ކަރުދާހެއްގަ އެވެ. ބޮޑު ވަފުދަކާއެކު ކުރެއްވި އެ ދަތުރުފުޅަށް ޖުމުލަ ހަރަދުވީ 1.3 މިލިއަން ރުފިޔާ ކަމަށް އެ ކަރުދާހުގައި ބަޔާންކޮށްފައިވީ ނަމަވެސް ހަރަދުތަކުގެ ތަފްސީލެއް އެއަކު ނެތެވެ.
އެސްޓޯނިއާގެ ރައީސްގެ ދައުވަތަށް ކުރެއްވި މި ދަތުރުގައި ރައީސް މުއިއްޒުގެ އިތުރުން ބައެއް ވަޒީރުންނާއި ސަރުކާރުގެ އެހެން ވެރިން ވެސް ބައިވެރިވި އެވެ.
ރައީސް މުއިއްޒު ވަނީ އެސްޓޯނިއާގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަޒީރުން، ޓާރްޓޫގެ މޭޔަރު، ތައުލީމީ ދާއިރާގެ މަންދޫބުން އަދި އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެކި މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.
އެ ދަތުރުގައި ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު ތިން އެމްއޯޔޫއެއްގައި ސޮއިކުރި އެވެ.
އެއީ ދެ ސަރުކާރު ދެމެދުގައި މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމަކާއި މޫސުމާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ރާއްޖޭގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދު ވެވުނު އެއްބަސްވުމެވެ.