އެންވަޔަރަންމަންޓް މިނިސްޓްރީ އުވާލުމަށްފަހު، ޓޫރިޒަމް މިނިސްޓްރީއާ އެއްކޮށް، މިނިސްޓަރު ކަމަށް ތޯރިޤު އިބްރާހިމް ހަމަޖައްސައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބާއްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމުގެ ލިޔުން ތޯރިޤާއި ވަނީ ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވާފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިބްރާހިމް ފައިސަލް އެ މަގާމުންވަނީ މިދިޔަ މަހު 28 ގައި ވަކިކޮށްފަ އެވެ. ފައިސަލް ވަކިކުރުމާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެ އެވެ.
ތޯރިޤް ކުރިން ހުންނެވީ އެންވަޔަރަންމަންޓުގެ މިނިސްޓަރުގެ މަގާމުގަ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީއަކީ ބޮޑު މެންޑޭޓެއް އޮންނަ ސިޔާސީ ބޭފުޅުން ގިނަ މިނިސްޓްރީއެއްކަން ފާހަގަކޮށްލެވެ އެވެ.
ރައީސް މުއިއްޒު އެންވަޔަރަންމަންޓް މިނިސްޓްރީ އުވާލެއްވި އިރު، ކްލައިމެޓް ޗޭންޖާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ގަބޫލުނުކުރައްވާ ކަމަށް ވެރިކަމުގެ ކުރީކޮޅު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.