ފަހަކަށްއައިސް ރާއްޖެއިން ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާވެދާނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.
ހުކުރު ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރާއްޖެ-ޗައިނާއިން މި އަހަރު އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އިޝާރާތްކުރަމުން އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ފައިސާގެ ދަތިކަން ދިމާވެފައިވާ ރާއްޖޭގެ އިޤްތިޞާދަށް ގެއްލުން ލިބިދާނެކަމާމެދު އިންޑިއާއިން ކަންބޮޑުވާކަމަށެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ބޭރުގެ ދަރަނި އިތުރުވުމުގެ ސަބަބުން ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފަ އެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ދަރަނި އަދާނުކުރެވިދާނެކަމުގެ ބިރު އުފެދިފައިވެ އެވެ.
ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި، ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ރާއްޖެއިން އެތެރެކުރާ މުދަލުގެ ތެރެއިން ގިނަ ބައެއް އެތެރެކުރާ ޗައިނާއާއެކު ވިޔަފާރީގެ ދަރަނި އިތުރުވެ، ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީ މަދުވެ، އަދި ސަޕްލައި ޗެއިންގެ މައްސަލަތަކަށް ހުށަހެޅިދާނެކަމަށް ކުރިން އިގްތިސާދީ މާހިރުން ވަނީ ބުނެފައި އެވެ.
ރާއްޖޭން ވަނީ ތުރުކީއާ އެކު ވެސް ޕްރިފެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލައިފަ އެވެ.
"ފަހަކަށްއައިސް ވެފައިވާ، ދިވެހި ސަރުކާރަށް އާމްދަނީ ގެއްލޭނެކަމަށް ލަފާކުރެވޭ އެއްބަސްވުންތަކަކީ ހަމަގައިމުވެސް ކަންބޮޑުވާންޖެހޭ ކަމެއް. އަދި މިއީ އެ ޤައުމުގެ ދިގު މުއްދަތުގެ މާލީ ހަރުދަނާކަމަށް ރަނގަޅު ކަމެއް ނޫން" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ނޫސްވެރިންނަށް ޖަވާބުދެއްވަމުން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ސިޔާސަތުތައް އެކުލަވާލާއިރު މިކަންކަމަށް ރިޢާޔަތްކުރަން ޖެހޭނެކަން ޔަގީން" އޭނާ އިތުރަށް ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ޤައުމެއްގެ ނަން ގެންނަވާފައި ނުވެއެވެ.
އިންޑިއާ އިން ރާއްޖެ އަށް މާލީ އެހީ ދިނުމުގައި ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފައި މިވަނީ، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށް މި ފަހުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް އެ ގައުމުން ހަމަޖައްސައިދީފައިވަނިކޮށެވެ. އިންޑިއާގެ އެސްބީއައި މެދުވެރިކޮށް ގަނެފައިވާ ޓީބިލެއް ވެސް އަނބުރާ ދެއްކުން ވަނީ ފަސްކޮށްދީފަ އެވެ.
މީގެ އިތުރުން މުދަލާއި ޚިދުމަތްތަކަށް އަމާޒުކޮށްގެން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ މަޝްވަރާތައް އިންޑިއާ އާއެކު ފެށުމަށްވެސް ރާއްޖެއިން އެއްބަސްވެފައިވެ އެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއިން ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ދައްކަންޖެހެނީ ޗައިނާ އަދި އިންޑިއާއަށެވެ. މިގޮތުން ޗައިނާއިން 1.37 ބިލިއަން ޑޮލަރު އަދި އިންޑިއާއިން 124 މިލިއަން ޑޮލަރުގެ ލޯނު ރާއްޖެއަށް ދޫކޮށްފައިވެ އެވެ.
ރާއްޖެ-ޗައިނާގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ދެގައުމުގެ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ.
ކޮންކަމަކާ ރާއްޖެއަށް ތިޔަހާ ހެވެއް ތިޔަ އެދެނީ. ރާއްޖެއަކުން އެވަރަކުން އާދޭސްކުރާކަށް ބޭނުމެއްނުވޭ. ވިޔަފާރީގަ ފައިދާއާ ގެއްލުން އޮންނާނެ. ދެން އިންޑިއާއަކަށްނު ފައިދާ އޮތީ
ރިޕްލައި