އައްޑޫގެ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިމުނުތާ އެތައް މަހެއްވީއިރު ވެސް އާންމު ދަތުރުފަތުރަށް ހުޅުވާނުލާތީ ސިޓީ ކައުންސިލުން ޝަކުވާކުރަން ފެށުމުން މިއަދު ފެށިގެން އެ ބްރިޖް ބޭނުންކުރަން ހުޅުވާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ އެންގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގައި ހިމެނޭ ހަންކެޑެ ޑީޓުއާ ލިންޑު ރޯޑުގެ ރޭގެ 12:00 އިން ފެށިގެން އާންމުނަށް ބޭނުންކުރަން ހުޅުވާލާނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ލިބިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި މި މަޝްރޫއު އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު ގަ އެވެ.

އެ ބްރިޖުގެ މަސައްކަތް ނިންމައި މިދިޔަ ޖުލައި މަހު އާންމުކޮށް ހުޅުވައިލާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އެ ތާރީހަށް އެކަން ނުކުރެވޭނެ ކަމަށް ބަލައި ބުރިޖު ބޭނުން ކުރަން ދެން ފަށާނެ ތާރީހެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ ސެޕްޓެމްބަރު 23 އެވެ.

ހަންކެޑެ ބުރިޖުގެ ނުނިމޭ އެތައް މަސައްކަތެއް ހުރުމުގެ ސަބަބުން އެ ތާރީހަށް ވެސް އެ ބުރިޖު ނުހުޅުވި ވަނީ ލަސްވެފަ އެވެ.

ގައުކެޑި އާއި މަރަދޫ ގުޅައިލުމަށް ހަދާފައިވާ މި ބްރިޖު ހުޅުވުން ލަސްވާތީ އެސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކޮށް މިދިޔަ ހޯމަ ދުވަހު ޕޯސްޓެއް ކުރައްވާފަ އެވެ. ނިޒާރު ވިދާޅުވީ އެ ބްރިޖު ނުހުޅި ލަސްވާންވީ ސަބަބެއް ނެތް ކަމަށާއި ކޮންޓްރެކްޓަރު އެ ބުރިޖުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިންމާފައިވާ ކަމަށެވެ.

މި ބްރިޖަކީ ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު، ހަތަރު ލޭނުގެ ބްރިޖެކެވެ.