ދިވެހިންގެ ހެޔޮކަން ފެނި ރާއްޖެ އައި ޓޫރިސްޓަކު އިސްލާމްވެއްޖެ އެވެ.

މީގެ ދުވަސްކޮޅެއް ކުރި ރާއްޖެ ޒިޔާރަތް ކުރި އިޓަލީގެ ޓޫރިސްޓަ ފިރިހެނަކު ވަނީ އޭނާއަށް ރާއްޖޭގައި ކުރެވުނު ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާއާ އެންގޭޖްވެ އެކަމުގެ މުނާސަބަތު ފާހަގަކުރުމަށެވެ. ވިއްސާރަ ދުވަހެއްގައި ސްނޯކްލިންއަށް ނުކުމެ އުޅެނިކޮށް ލޯބިވެރިޔާގެ ފޯނު ގެއްލުނުކަމަށް އޭނާ ކިޔާދީފައިވެ އެވެ.

އެކަން ވެގެން ދިޔައީ އެ މީހުނަށް ދިވެހިންގެ މިޒާޖާއި ހެޔޮކަން ފެންނަން މެދުވެރިވި ސަބަބަކަށެވެ. ހުރިހާ ހަނދާންތަކާއެކު ފޯނު ގެއްލުމުން، ފޯނު އަނބުރާ ލިބޭނެކަމަށް އެމީހުން އުންމީދެއް ނުކުރެ އެވެ.

ނަމަވެސް ފޯނު ގެއްލުނު ވާހަކަ ދިވެއްސެއްގެ ކައިރީގައި ބުނުމުން އޭނާގެ ރަހުމަތްތެރިންނާއެކު އެމީހުން ސްނޯކްލިންއަށް ދިޔަ ސަރަހައްދަށް ފޯނު ހޯދަން ދިޔަކަމަށް އޭނާ ކިޔާދީފައިވެ އެވެ.

އެތައް ގަޑިއިރެއްގެ މަސައްކަތުން ދިވެހިން އެ ފޯނު ހޯދައިދިނެވެ. ފެން ނުވަންނަ ކަވަރަކަށް ލާފައި އޮތުމުން އެޔަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

"މިއީ ދިވެހިންގެ ހެޔޮކަން އަހަރެމެން ތަޖުރިބާކުރި އެއް ފަހަރު. ކަލޭމެން ތިހާ ހެވީ ތިއީ މުސްލިމުންނަށް ވީމަތަ؟ އެހެންވިއްޔާ އަހަރެން ވެސް ބޭނުން އިސްލާމްވާން،" ޓޫރިސްޓު މީހާ ބުނެފައިވެ އެވެ.

އެއަށްފަހު އޭނާ ވަނީ ޗުއްޓީގެ މުއްދަތު މިހާރު އިތުރުކޮށް އިސްލާމްވުމަށް ދާންވީ ތަނެއް އޮޅުންފިލުވަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން އޭނާ ކުރި ދެވަނަ ޕޯސްޓުގައި ބުނެފައިވަނީ ދިވެހި އިލްމުވެރިޔަކާ ބައްދަލުވެ، އިސްލާމް ދީނާ ގުޅޭ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. ދީނުގެ އެންމެ އާއްމު ކަންކަމާއި ނަމާދު ކުރާނެ ގޮތާއި ރޯދަ ހިފާނެ ގޮތުގެ ވީޑިއޯ ލިންކުތައް ވެސް އެ އިލްމުވެރިޔާ އޭނާއާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

އެއާއެކު އޭނާ ޝަހާދަތްކިޔާ އިސްލާމްވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާ ވަނީ އިސްލާމްދީނުގެ ރިވެތިކަމުގެ ވާހަކަތައްވެސް ލިޔެފަ އެވެ. ޒަކާތުގެ ވާހަކަ ކުރިން އަޑު ނާހާ ކަމަށާއި ޒަކާތުގެ މަގްސަދު އެނގުމުން ލޮލުން ކަރުނަ ފާއްދާލި ކަމަށް ބުންޏެވެ. އޭނާ ވަނީ އިސްލާމް ދީނުގެ ހިދާޔަތު ލިބުނީތީ ހަމްދުކޮށް، އޭގެ މެދުވެރިއަކަށްވި ދިވެހިންގެ ހެޔޮކަމަށް ޝުކުރު އަދާކޮށްފަ އެވެ.