އަހަރުމެންގެ ދިރިއުޅުމުގައި ވަރަށް އާއްމުކޮށް ކުރެވޭ ކަމެކެވެ. ކުރަންޖެހޭ ކަންކަން މަތިމައްޗަށް ހުރި ނަމަވެސް "ފަހުން ކުރަން" ބެހެއްޓުމެވެ.
މިއަދު ކުރަން އޮންނަ ކަމެއް މާދަމާ ކުރަން، އަދި މާދަމާ ކުރަން އޮންނަ ކަމެއް އޭގެ އަނެއް ދުވަހުން ކުރަން ފަސްކުރުމަކީ ބައްޔެއްގެ ގޮތުގައި ސިއްހީ މާހިރުން މިވަނީ ކަނޑައަޅާފަ އެވެ.
ކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި ދިރިއުޅުމުގައި ކުރަން ހުންނަ ކަންކަން ލަސް ކުރުމަކީ ނަފްސާނީ ބަލިތަކަށް މަގުފަހިވާ ކަމެއް ކަމަށެވެ.
އެގޮތުން އެންޒައިޓީ، ޑިޕްރެޝަން އަދި އެ ނޫންވެސް ނަފްސާނީ ބަލިތަކަކީ ކަންކަން ފަސްކުރާ މީހުންގެ މެދުގައި އާއްމު ބަލިތަކެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ވަޒީފާގެ މާހައުލުގައި ކުރަން ހަވާލުވެފައިވާ ކަމެއް ނުވަތަ އާއްމު ދިރިއުޅުމުގައި ކުރަންޖެހޭ އެންމެ އާދައިގެ ކަމެއް ނަމަވެސް ފަހުން ކުރަން ބެހެއްޓުމަކީ އޭގެ ސަބަބުން ދިގު މުއްދަތަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ލިބޭ ކަމެއް ކަމަށް ވެސް މާހިރުން ބުނެ އެވެ.
ކުރަން ހުންނަ ކަންތައްތައް ކުރުން ފަސް ކުރުމަކީ އެންމެ ފަހުން އެކަމެއް ކުރާއިރު ވަރުބަލިވުމާއި ހާސްވުން ފަދަ ޖިސްމާނީ އަސަރުތައް ވެސް ކުރާ ކަމެކެވެ.
މިކަންކަމުން އަރައިގަންނަން ބޭނުންނަމަ އެންމެ މުހިއްމު ކަމަކީ އަމިއްލަ ދިރިއުޅުން ރާވާލުން ކަމަށް މާހިރުން ބުނެ އެވެ.
ދުވަހުގެ ތާވަލު ކަނޑައެޅުމާއި ތާވަލުގައި ހުރި ކަންކަން ފުރިހަމަ ކުރެވުމުން އަމިއްލަ ނަފްސަށް "ހަދިޔާއެއް" ދިނުމަކީ ކުރެވިދާނެ ކަމެކެވެ.
ކޮންމެ ކަމަކަށް ވެސް ވަކި ވަގުތެއް ކަނޑައަޅައި އެ ވަގުތުގައި އެކަމެއް ކުރަން އާދަ ކުރުމަކީ އާއްމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ކަމެއްވެސް މެ އެވެ.