ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން ފުރަތަމަ ފަހަރަށް އެއްރަށް ހިމެނޭ ހަމައެކަނި އަތޮޅު ކަމުގައިވާ ފުވައްމުލަކުގައި ބާއްވަން ނިންމައިފި އެވެ.

ދިރާގުން ބުނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތާރީހީ ދުވުން، "ދިރާގު ފުވައްމުލައް ރަން" ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

"ދިރާގު ފުވައްމުލައް ރަން" ލޯންޗްކުރުމަށް ފުވައްމުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ މިއީ، ޑީއެމްއާރުއާރުގެ ދަށުން މާލޭން ބޭރުގައި ބާއްވާ ފުރުތަމަ ދުވުން ކަމަށެވެ. އަދި މިއީ ޑީއެމްއެމްއާރުއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތިކަމާއި، ކުލަގަދަ ސަގާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސާޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މީގެ އިތުރުން، މި އިވެންޓްގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެގެންދާނެ،" އަލީ ވިދާޅުވި އެވެ.

މި ދުވުން ފުވައްމުލަކުގައި ބޭއްވުމަށް ތައްޔާރުވެފައިވާ މިންވަރު ހިއްސާކުރައްވަމުން، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ދިރާގުން ފުވައްމުލަކުގައި މި ދުވުން ބޭއްވުމަކީ މި ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި އިވެންޓުގެ ސަބަބުން، ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، މި ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އެހެންކަމުން، ރާއްޖެ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދުވުންތެރިން 'ދިރާގު ފުވައްމުލައް ރަން' ގައި ބައިވެރިވެ މި ރަށުގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަށް ދައުވަތު އަރުވަން. އަޅުގަނޑުމެން މި ތިބީ މި ދުވުމުގައި ބައިވެރިވުމަށް މި ރަށަށް ޒިޔާރަތްކުރާނެ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުހަބާ އެއް ކިއުމަށް ތައްޔާރަށް،" އިސްމާއިލް ވިދާޅުވި އެވެ.

"ދިރާގު ފުވައްމުލައް ރަން" އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މިލިންކް މެދުވެރިކޮށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއެމްއާރު ފުޅާކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށް ވެސް ދިރާގުން ބުނެ އެވެ.