ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި ހަރަކާތްތައް މަދުކުރަން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކެފޭ، ރެސްޓޯރަންޓްތަކުގެ ވިޔަފާރި ބަނގުރޫޓުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަފްތާއަކަށް އިތުރުކޮށްފި އެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު، ކެފޭ/ރެސްޓޯރެންޓުތަކުގެ ތެރޭގައި ތިބެގެން ރޭގަނޑު 8:00 ގެ ފަހުން ކެއުން ވަނީ މަނާ ކޮށްފަ އެވެ. އަދި 10:30 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ވެސް ވަނީ މަނާކޮށްފަ އެވެ. މި ބަދަލުތަކާ އެކު ކެފޭ/ރެސްޓޯރެންޓް ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ނުރުހުން ފާޅުކޮށް، ގަވާއިދުތައް ބަދަލު ކުރުމަށް އެޗްޕީއޭއަށާއި ސަރުކާރަށް ގޮވާލަމުންނެވެ.
އެކަމާ ގުޅިގެން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އާއި މޯލްޑިވްސް އީޓަރީސް ޔޫނިއަންގެ އިސް ބޭފުޅުން ވަނީ ޑިރެކްޓަ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާ ދާދިފަހުން ވަނީ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމަށްފަހު ރެމް އާއި މޯލްޑިވްސް އީޓަރީސް ޔޫނިއަން ގުޅިގެން ވަނީ އެޗްޕީއޭގެ ނިންމުންތަކާ ދެކޮޅަށް ހަޅުތާލު ކުރަން ނިންމައިފަ އެވެ. އެގޮތުން، ރެސްޓޯރެންޓުތަކާއި ކެފޭތަކުގެ އިތުރުން ޓޭކްއަވޭ ތަންތަން ބަންދުކޮށް، ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލާނެ ކަމުގެ އިންޒާރު އެ ތަންތަނުން ވަނީ ދީފަ އެވެ. އަދި މި ތަންތަނުން އަލުން ޚިދުމަތް ދޭނީ އެޗްޕީއޭ އިން ލުއިތައް ދިނުމުން ކަމަށް ރެމް އިން ބުނެ އެވެ.
ނަމަވެސް އެ ދެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެޗްޕީއޭ އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅެއްގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު މިއަދުން ފެށިގެން ހަތް ދުވަހަށް އިތުރުކުރަން ވަނީ ނިންމައިފަ އެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމާއި އިރުއޮއްސި 6:00 ން ފަތިހު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން ވެސް މަނާކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމާއި ދުވުމަށް ޚާއްސަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުމާއި ޕާކުތަކާއި މައިޒާންތައް ވެސް ބަންދުކުރަން ވެސް އަންގާފައިވެ އެވެ. މީގެ އިތުރުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުމަށް ވެސް ވަނީ އަންގާފައިވެ އެވެ. އަދި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމަށް ވެސް އެޗްޕީއޭއިން އަންގާފައިވެ އެވެ.
މި ފިޔަވަޅުތަކުގެ އިތުރަށް އެޗްޕީއޭއިން ވަނީ ވަކިގޮތެއް އަންގަންދެން އެޅުމަށް ނިންމާއިފައިވާ ފިޔަވަޅުތައް ވެސް އަންގާފައިވެ އެވެ.
އޭގެ ތެރޭގައި ޚާއްޞަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުމާއި، ޕްރީ ސްކޫލުތަކާއި ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމުގެ އިތުރުން ޑޭ ކެއާގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓާލުން ހިމެނެ އެވެ. އަދި ސައި ހޮޓާ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއިން ބުއިމުގެ ޚިދުމަތް ރޭގަނޑު 8:00 އާ ހަމައަށް ދިނުމާއި ޓޭކްއަވޭގެ ޚިދުމަތް ވެސް ރޭގަނޑު 10:30 އާ ހަމަޔަށް ދިނުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.
ރެމްގެ ރައީސް ހާމިދު އަފީފު ނޫސްވެރިންބާ ބައްދަލުކުރައްވައި އިއްޔެ ވިދާޅުވީ، އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަކީ ހަމައެކަނި ރެސްޓޯރެންޓް އިންޑަސްޓްރީ އަށް ގެއްލުންވާ ގޮތަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށެވެ. އެ ފިޔަވަޅުތައް އަޅާ ނަމަ އެންމެން ހަމަހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އިންޑަސްޓްރީ މިއޮތީ އެޗްޕީއޭ އިން ގުރުބާން ކުރާ ކަންބަޅިއަކަށް ހަދާފައި. މުޅި އިންޑަސްޓްރީ މިހާރު އޮތީ ކޯމާއެއްގައި. އަޅުގަނޑުމެންނަށް އެބަފެނޭ ބާޒާރު މަތީގައި ވެސް އަދި އެހެން ތަންތަނުގައި ވެސް ގައިދުރުކަމެއް ނެތި ގައިޑްލައިނާ ހިލާފަށް ހިދުމަތް ދޭތަން. އެހެންކަމުން ހަމައެކަނި ކޮވިޑް ފެތުރެނީ ރެސްޓޯރެންޓުތަކުން ކަމަށް ބުނެ ރެސްޓޯރެންޓުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުން ގޯސް،" ހާމިދު ވިދާޅުވި އެވެ.
ރެމް އިން ބުނި ގޮތުގައި ކޮވިޑް-19ގެ ސަބަބުން މުޅި ރެސްޓޯރެންޓް އިންޑަސްޓްރީ އަށް މިހާތަނަށް 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. މީގެ ސަބަބުން މިހާތަނަށް 50 އަށް ވުރެ ގިނަ ތަންތަން ބަންދު ކުރަން ޖެހިފައިވާއިރު އަވަސް މުސްތަގުބަލެއްގައި އިންޑަސްޓްރީ އަލުން އިއާދަ ނުކުރެވޭނެ ކަމަށް ވެސް ރެމް އިން ލަފާކުރެ އެވެ.