އަމިއްލަ ފަރާތްތަލަށް ގެއްލުމުގެ ބަދަލު ދިނުމަށް މިދިޔަ ސަރުކާރުން އުފެއްދި ސެޓަލްމަންޓު ކޮމިޓީން ބަދަލު ދީފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަތައް ބެލުމަށް ޖިނާއީ ތަހުގީގެއްކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި މައްސަލަތަކުގައި ޖިނާއީ ތަހުގީގު ހިންގުމަށް އެދެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން އޭރު ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުރި އަލީ ޝިޔާމްގެ މައްޗަށެވެ.
މި މައްސަލަ ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން މިއަދު މަޖިލީހުގެ ތަޅުމަށް ރިޕޯޓް ފޮނުވާފައިވެ އެވެ.
މި ރިޕޯޓު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. ރިޕޯޓު ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފަށް ދައުލަތުގެ ފައިސާ އާއި މުދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހައްގުނޫން ފަރާތްތަކަށް ދީފައިވާ ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ އިތުރުން, ރަސްމީ ވާޖިބު އަދާކުރުމުގައި ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ވަނީ ތުހަމުތުކޮށްފަ އެވެ.
ރައީސް ސޯލިހާއި އަލީ ޝިޔާމްގެ މައްޗަށް ތަހުގީގު ހިންގަން އެދުނީ އިކޮނޮމިކް ކައުންސިލް ކޯޗެއާ ކަމަށް ވާތީ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ތަހުގީގުތަކުގައި ފައްޔާޒު ހިމަނަން އެދިފައިވަނީ ބަދަލު ދިނުމުގެ އެއްބަސްވުންތަކަށް ވާސިލުވެ އެ އެއްބަސްވުންތައް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ތުހުމަތުކޮށެވެ.
މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
2022 ވަނަ އަހަރު އަމިއްލަ ފަރާތަކާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލުދިނުމަށް އުފެއްދި ސެޓްލްމެންޓް ކޮމިޓީ ރައީސް މުހައްމަދު މުއިއްޒު ވަނީ އުވާލައްވާފަ އެވެ.