ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަޖިލީހުގެ ތަޅުމުގައި އިނގިރޭސި ނަންނަމުން ނުގޮވަން މަޖިލީހުގެ ރިޔާސަތުން އިލްތިމާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒަކީރު (މަޓޭ)، ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގުރުއާންގެ އާޔަތްތައް ބަދަލުކުރި ކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.
އެ މައްސަލަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުން ބަލައިގަނެފައިވާތީ އެކަމަށް ޝުކރު އަދާކުރައްވާ މެންބަރު މައުރޫފް ޒަކީރު ވަނީ މަޖިލިސް ރައީސަށް އެންޑްރޫގެ ނަމުން މުޚާތަބުކޮށްފަ އެވެ.
"އަޅުގަނޑުމެންގެ ރައީސް "އެންޑުރޫ" މާފު ކުރައްވާތީ" މައްސަލަ ބަލައިގަތުމުން ޝުކުރު އަދާކޮށް ވާހަކަ ދައްކަވަމުން މެންބަރު މައުރޫފް ޒަކީއަށް ވިދާޅުވެވުނެވެ. މައުރޫފުގެ ވާހަކަ ހުއްޓުވައި މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާއިރު މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ވާހަކަ ދައްކަވަން އަބްދުއްރަހީމް ވިދާޅުވި އެވެ.
"މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާއިރު މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ވާހަކަ ދައްކަވަންވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރިޔާސަތުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިނގިރޭސި ބަހުން މުހާތަބު ކޮށްގެން ނުވާނެ ކަމަށާއި އެީ ވަރަށް އަދަބު ކުޑަކަމެއް ކަން ކުޑޫގެ ނިޒާމު ނުކުތާގައި ވިދާޅުވި އެވެ. އަދި މި ނިޒާމީ ނުކުތާ ރިޔާސަތުން ވަނީ ބަަލައިގެންފަ އެވެ.
އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަށް މުޚާތަބުކޮށް އެންޑްރޫ އޭ ބުނެވުނީ އާންމުކޮށް ރައީސަށް އެގޮތަށް މުހާތަބު ކުރެވޭތީ ކަމަށް މައުރޫފު ވިދާޅުވި އެވެ. އަދި އެކަމަށް މައުރޫފު ވަނީ ރައީސްގެ ކިބައި މާފަށްވެސް އެދިފަ އެވެ.