ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގެ ވެރިންގެ އިސްތިއުފާ އަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ގޮވާލައްވައިފި އެވެ.
ޕީއެސްމްގެ ވެރިންގެ އިސްތިއުފާ އަށް އަމީން ގޮވާލީ ކީރިތި ގުރުއާނުގެ އާޔަތްތަކަށް ޕީއެސްއެމުން ބަދަލު ގެނައި ކަމަށް ބުނެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު, މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
އަމީން ވިދާޅުވި އެ މައްސަލައަކީ ރައީސް މުހައްމަދު މުއިއްޒުގެ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއީ ޕީއެސްއެމް ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ފުރިހަމައަށް ޒިންމާ، އެ ފަދަ ހައްސާސް މައްސަލައެއްގައި އަދާ ނުކުރުމުން ހުށަހެޅި ކުއްލި މައްސަލައެއް ކަމަށް އޭނާ ވިދާޅޫވި އެވެ.
އަމީން ވިދާޅުވީ އެ މައްސަލާގައި ހަމައެކަނި މައާފަށް އެދި ބަޔާނެއް ނެރުމަކުން ޒިންމާ އަދާކުރެވުނީ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މީގެ ކުރިން އެފަދަ މައްސަލައެއް ހިނގާފައިވާ ކަން ގަބޫލުނުކުރައްވާ ކަމަށާއި އަދި އެކަމަކީ ދީނީ އަދި ލާދީނީވެގެން ހިނގާފައިވާ ކަމެއް ނޫންކަން ވެސް މެންބަރު ފާހަގަކުރެއްވި އެވެ. އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށް ވެސް މެމްބަރު އަމީން ވިދާޅުވި އެވެ.
"މިކަމަށް މާފަށް އެދުމަކުން ނުފުދޭ. އެހެންވީމާ ޕީއެސްއެމްއާ ހަވާލުވެ ހުރި ފަރާތްތަކުން މިއަދު އިސްތިއުފާ ދިނުމަށް އަޅުގަނޑު ގޮވާލަން. އެކަމަކީ ދީނީ އަދި ލާދީނީވެގެން ހިނގާފައިވާ ކަމެއް ނޫން. އެއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް،" މެމްބަރު އަމީން ވިދާޅުވި އެވެ.
ގުރުއާނަށް ބަދަލު ގެނެސް ޕީއެސްއެމްއިން ގެނެސްދިން ކަމަށް ބުނާ މައްސަލައަކީ ރައީސް މުއިއްޒު ދާދިފަހުން އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ރަސްދޫގައި ބޭއްވި ޖަލްސާ ފެއްޓެވުމަށް ގުރުއާން ކިޔެވިއިރު އެ އާޔަތުގައި ހިމެނޭ "ފާސިގު" ލަފްޒު އުނިވެފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ނަމަވެސް އެކަން ދިމާވެފައިވަނީ ލައިވް މައްސަލައެއް ދިމާވެގެން ކަމަށް ޕީއެސްއެމުން ބުނެފައިވެ އެވެ.