ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުން މާރުކުރަން ޖެހޭ ގަވާއިދަށް ގާނޫނީ ބާރުދޭން މަޖިލީހަށް ހުށަހެޅި "ބޭރުފައިސާ"ގެ ބިލުގެ ކޮމެޓީ މަސައްކަތް މިއަދު 6:00 އަށް ނިންމަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ބިލު ހުށަހެޅުއްވީ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.

އިއްޔެގެ ޖަލްސާގައި އެ ބިލު މަޖިލީހުން ބަލައިގަނެ، މާލިއްޔަތު ކޮމިޓީއަށް ފޮނުވީ 51 މެންބަރުންގެ ވޯޓާއިއެކުއެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. އިއްޔެ މެންދުރުފަހު 3:30 އާ ހަމައަށް ކުރިއަށްގެންދިޔަ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައިނުގަތުމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހަށް ބިލު ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރެއްވީ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މިއަދު 6:00 އަށް ބިލްގެ މަސައްކަތް ނިންމަން ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.

ކޮމެޓީން އެގޮތަށް ފާސްކުރުމުން މިއަދުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނާއިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކޮމެޓީ ބައްދަލުވުން ސިއްރުކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ހުށަހެޅުއްވީވެސް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ތާއީދު ކުރެއްވީ އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ. އެގޮތަށް ފާސްކޮށް ކޮމެޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

މި ބިލްގައި މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކުގެ ވިޔަފާރީގެ ހުއްދަ ހިފަހައްޓައި، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ރާއްޖޭގެ ބޭންކަކުން މާރުކުރުން ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރު ކުރަން ޖެހޭ ގޮތަށް އެ ބިލުގައި ވަނީ އިޚުތިޔާރު ދީފަ އެވެ.

ރިސޯޓްތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން އެމްއެމްއޭގެ ގަވާއިދުގައި މަޖުބޫރު ކުރުމުން، ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުން ވަނީ އެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެފައެވެ. އެއީ އެ ގަވާއިދު އޭރު އޮތްގޮތުން ނުލިބޭ އާމްދަނީއެއް ބޭންކަށް މާރު ކުރަން ޖެހޭ ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖެހޭނީ 500 ޑޮލަރު މާރު ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.