ދިވެހިރާއްޖޭގެ ރައްޔިތުންނާއި، އެ ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ފައިސާ ޗާޕު ކުރުން ހުއްޓާލައި ގައުމު ބަނގުރޫޓުވުމުން ސަލާމަތް ކުރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އާދިއްްތަ ދުވަހުގެ ރޭ އއ. މަތިވެރީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވެރިަކަމާ ހަވާލުވިއިރު ސަރުކާރު އޮތީ މުޅިން ދަރަނިވެރިވެފައި ކަމަށާއި އެގޮތުން މިހާރު ވެސް ގައުމު ހިންގުމުގެ އެތައް މަސައްކަތެއް ކުރަން ޖެހިފައި ވަނީ 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏަކާ އެކު ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރު ހިނގި މަގުން ކުރިޔަށްދިޔަ ނަމަ އެއީ ގައުމު ބަނބުރޫޓުގެ ހާލަތަށް ވައްޓާލާނެ ސިޔާސަތުތަކަށް ވާނެ ކަމަށާއި ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދިން އިރުޝާދާއި ލަފާތައް ބަލައިގަނެ ކުރިއަށް ދިމުމުގެ ނަތީޖާއަކީ ގައުމު ބަނގުރޫޓުން ސަލާމަތްވުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އައިއެމްއެފް ކަންތަކުން ޑޮކިއުމަންޓްކޮށްފައި އޮތީ. ލިއުމުން ރާއްޖެ ބަނގުރޫޓުވާނެއޭ އެ މަގުން. ސަރުކާރާ އަޅުގަނޑުމެން ހަވާލުވިއިރު އޮތް ގޮތަށް ގެންދިޔަ ނަމަ. އެހެންވެ އަޅުގަނޑުމެން އެ މަގު ބަދަލު ކުރީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމު ބަނގުރޫޓުވުމުން ސަލާމަތްވުމަށް އެންމެ މުހިންކަމެއް ދީގެން ކުރެއްވިކަމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ގައުމު ބަނގުރޫޓުވުމުން ސަލާމަތްވީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ގައުމު ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ހުރީ. އެހެންވެ އެންމެ އިސްކަމަށް ކުރީކަމަކީ ފައިސާ ޗާޕު ކުރުން ހުއްޓާލީ.. އެހެންވީމަ ބަނގުރޫޓުވުމުން ސަލާމަތްވީ. އެއީ ހަގީގަތުގައި ވެސް ފެންނަން އޮތް ހަގީގަތަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލުމުން އިގްތިސާދީ ގޮތުން ސަރުކާރަށް މިހާރު ހަރުދަނާ ފިޔަވަޅުތައް އެޅިފައިވާތީ އިގްތިސާދީ ގޮތުން އޭގެ ހެޔޮ ބަދަލު ފެންނާނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ފެށިގެން ގޮސް އުމްރާނީ ތަރައްގީގެ ރޮނގުން އެތައް ޕްރޮޖެކްޓްތަކެއް ކުރިއަށް އޮތް ތަނުގައި ހިނގައިގަންނަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތީ ގައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ އުފާވެރި ދުވަސްތަކެއް ކަމަށެވެ.