ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދުތައް ކުރަން ޖެހުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ލިބޭ އާމްދަނީއަށް ވުރެ ގިނައިން ސަރުކާރު ހިންގަން ހަރަދު ކުރަން ޖެހުން ކަމަށާއި މިހާރު ވެސް ދައުލަތަށް ލިބޭ އާމްދަނީއާ ނުބައްދަލުވާ ވަރަށް ކުރަންޖެހޭ ހަރަދުތައް އެބަހުރި ކަމަށެވެ.

ޒަމީރު ވިދާޅުވީ އެކަންކަން ހައްލުކުރުމަށް ކެބިނެޓުގެ ލަފަޔާއެކު އެކުލަވާލެވުނު ރިފޯމް އެޖެންޑާގެ ދަށުން މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

ރިފޯމު އެޖެންޑާގެ ދަށުން ސަރުކާރު ހިންގުމަށް ކުރާ ހަރަދުތައް ކުޑަ ކުރުމުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ ހަރަދުތައް ވެސް ކުޑަ ކުރަން ނިންމާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޖުމުލަ ހަރަދު 49.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދު ކަމަށާއި 13.3 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދު ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ޓެކްސްއިން 29.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން 8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.