ރާއްޖޭގައި ފަތުރުވެރިން ގިނައިން ޑައިވިން އަށްދާ ސަރަހައްދެއްގައި ޑައިވިންއަށް ދިޔަ ޓޫރިސްޓެއްގެ ބޮލުގައި މިޔަރެއް ދަތްއަޅަން މަސައްކަތް ކުރާ މަންޒަރު ފެންނަ ބިރުވެރި ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

ރާއްޖޭގައި ނަގާފައިވާ މި ވީޑިއޯގައި ފެންނަނީ ޑައިވިންއަށް ދިޔަ ޓޫރިސްޓެއްގެ ބޮލަށް ބޮޑު ޓައިގާ ޝާކެއް ހަމަލާދޭން އުޅޭ މަންޒަރެވެ.

އެއީ ޗައިނާގެ އަންހެން ފަތުރުވެރިއެކެވެ. ރާއްޖޭގައި މި ހާދިސާ ހިނގިކަމަށް ފުލުހުންވެސް ވަނީ ބުނެފަ އެވެ.

ކ. މާފުށީގައި ޑައިވިން އަށް ގޮސް އުޅުނު ޗައިނާގެ 45 އަހަރުގެ އަންހެން ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުން ޓްރީޓްޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

މިހާރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ބިރުވެރި މި ވީޑިއޯގައި ފެންނަނީ މިޔަރުގޮސް އެ އަންހެންމީހާގެ ބޮލުގައި ދަތްއަޅާ މަންޒަރެވެ.

މިޔަރު އެ އަންހެންމީހާގެ ބޮލުގައި ހިފަހައްޓާފައި ހުރީ ކުޑަ ސިކުންތުކޮޅަކަށް ކަމުގައިވިޔަސް އެއީ ބިރުވެރި ވަގުތުކޮޅެކެވެ.

ހަމަލާއާއެކު އޭނާއަށް ވަނީ ވަރަށް ހަނިގޮތަކަށް ސަލާމަތްވެވިފަ އެވެ. އޭނާ ތެޅިގަނެ ދުރަށް ޖެހުމުން މިޔަރު އިތުރަށް އޭނާގެ ފަހަތުން ނުގޮސް ދުރަށް ދާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.

ފަތުރުވެރިޔާއަށް މިޔަރު ހަމަލާ ދެނީ

އެ އަންހެންމީހާ ސަލާމަތްވި ނަމަވެސް އޭނާއަށް އަނިޔާތަކެއް ލިބުނެވެ. އޭނާގެ ބޮލުގެ ފަހަތުގައި މިޔަރު ދަތްއެޅުމުން ލިބުނު ފުން ބޮޑެތި ޒަހަމްތަކުގެ ސަބަބުން ބޮޑުތަނެއް ފަހަން ޖެހުނުކަށް ރިޕޯޓްކޮށްފައިވެ އެވެ.

ރާއްޖޭގެ ސާފު ކަނޑާއި މުރަކަތަކުގެ މުއްސަނދިކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފީނުމުގެ ޝައުގުވެރިކަން ހުންނަ ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރުމަށް އަންނަ އެއް ސަބަބެވެ. ނަމަވެސް، މަދުން ނަމަވެސް މިޔަރު ހަމަލާ ދިނުމުގެ ހާދިސާތަކާއި ބައެއް ފަތުރުވެރިން ކުރިމަތިލާން ޖެހެ އެވެ.