އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް އިންޑިއާ އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެމެދު ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއް ލީކްކޮށްލައިފި އެވެ.
ލީކްކޮށްލާފައިވާ މި ޑްރާފްޓް ކޮޕީގެ 12 ވަނަ މާއްދާގައި ވާގޮތުން އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރަށް ތިބެވޭނެ އެވެ. އެގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެ އަށް މަޖުބޫރެވެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމި އޮންނާނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.
މިއަދު ލީކުކޮށްލި ޑްރާފްޓް ކޮޕީގައި އެއްވެސް ސޮއެއް އަދި ތައްގަނޑެއް ނެތެވެ.
މީގެ އިތުރުން މި ޑްރާފްޓް ކޮޕީގައިވާ ގޮތުން މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެ އެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެ އެވެ.
އެ ޑްރާފްޓްގައިވާ ގޮތުން އުތުރު ތިލަފަޅުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެކުވެގެން އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުން ކަމަށާއި، އެތަނުގައި މަސައްކަތެއް ކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީ ވެސް އިންޑިއާ ސަރުކާރުން ކަމަށް އެ އެއްބަސްވުމުގައި ބަޔާންކުރެ އެވެ.
މި ޑްރާފްޓް ކޮޕީގެ 6.6 އަކީ ދިވެހިރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިން ހަތިޔާރު ގެންގުޅުމާ ގުޅޭ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ އުތުރު ތިލަފަޅުގައި އެކްޓިވް ޑިއުޓީގައި މަސައްކަތްކުރާ އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނަށް، ހަތިޔާރާއި އެ ނޫން ވެސް އެފަދަ އާލާތްތަކާއި، ކަނޑުތަކުގެ ސާވައިލަންސް މަސައްކަތްކުރުމަށް އެތަނުގައި ހުންނަ މުވާސަލާތީ ވަސީލަތްތައް އިންޑިއާގެ އަސްކަރިއްޔާއަށް ބޭނުންކުރެވޭނެ ކަމަށެވެ.
މި ޑްރާފްޓް ކޮޕީގެ 6.3 މާއްދާގައި ބުނެފައި ވަނީ، އުތުރުތިލަފަޅު އެއްބަސްވުމުގެ ދަށުން ގާއިމުކުރާ ވަސީލަތްތަކުގެ ބޭނުން އެއްބަސްވުމުގެ އަމާޒުތައް ހާސިލުކުރުމަށް ފުރިހަމައަށް ބޭނުންކުރެވޭ ކަން ކަށަވަރުކުރުމުގެ ގޮތުން، ދެ ދައުލަތުގެ އަސްކަރީ މީހުންނާއި، ކަނޑުގެ އަދި ވައިގެ އުޅަނދުތަކަށް އެތަން ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެތަނުގައި ގާއިމުކުރާ މުވާސަލާތީ ނިޒާމުތައް ވެސް ދެ ގައުމަށް ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ޑްރާފްޓް އެއްބަސްވުމުގެ ކޮޕީއިން ޑިފެންސް މިނިސްޓްރީއަށް އިންޑިއާ ހައިކޮމިޝަނުން ޖޫން 22، 2020ގައި ފޮނުވާފައިވާ ނޯޓެއް ވެސް ހިމެނެ އެވެ. އޭގައި ވާގޮތުން އެއްބަސްވުން އެކުލަވައިލާފައި ވަނީ މި ސަރުކާރުން އިންޑިއާ ސަރުކާރާ ހިއްސާކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށެވެ.
މި ޑްރާފްޓް ކޮޕީ ލީކުވުމާ ގުޅިގެން އެމްއެންޑީއެފުން އަދި މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ނޫސްވެރިން އަންނަނީ މިކަމާ ގުޅިގެން އެފަރާތާ ސުވާލު ކުރިމަތި ކުރަމުންނެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ސިފައިން އެތަނުގައި ގާއިމުވެ ނުތިބޭނެ ކަމަށެވެ. އަދި ހުރިހާ މަސައްކަތެއް ވެސް ކުރާނީ "ޓެކްނިކަލް" މީހުން ކަމަށެވެ.
އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އަވައްޓެރި އިންޑިއާއާއެކު ސޮއިކުރި ނަމަވެސް އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެފައި ވަނީ އިންޑިއާގެ ދައުރަކީ އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކޮށް ދިނުން ކަމަށެވެ. އެ މަސައްކަތް ކުރާނީ އިންޑިއާއިން ކަމަށާ ނަމަވެސް މަސައްކަތް ނިމުމަށްފަހު އިންޑިއާގެ ދައުރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ނިންމާ ބަނދަރާއި ޑޮކްޔާޑު ތިން އަހަރުތެރޭ ހުޅުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއަށްފަހު އަޅުގަނޑުމެންނަށް ޓެކްނިކަލް ސަޕޯޓް ބޭނުންވެއްޖިއްޔާ ބޭނުންވެއްޖެ މިންވަރަކަށް ބޭނުންވެއްޖެ ވަގުތަކަށް ލިބޭ ގޮތަށް އަޅުގަނޑުމެންނާ އިންޑިއާ ސަރުކާރާ އެބަސްވެފައި މި އޮތީ،" އޭނާ ވިދާޅުވެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އަބްދުއްރަހީމް "ހުރިހާ"އަށް ވިދާޅުވީ މިއަދު ލީކުކޮށްލި ޑްރާފްޓާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ނަމަވެސް މިއެއްބަސްވުމުގައި ސަރުކާރުން މަޢުލޫމާތު ސިއްރު ކުރާކަމަށްބުނެ އެއްބަސްވުން ހާމަކުރުމަށް ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީންވަނީ އެއްބަސްވުން ހާމަކުރުމަށް ދެކޮޅު ހަދާފަ އެވެ. އެގޮތުން އެ މައުލޫމާތަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ މަޢުލޫމާތެއް ކަމަށާއި މައުލޫމާތު ހާމަކޮށްފި ނަމަ ފޫނުބެއްދޭވަރުގެ ގެއްލުން ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާ އެކު ރާއްޖެއިން މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިސަންކަރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ.