ބޮލީވުޑްގެ ރީތީގެ ރާނީގެ ގޮތުގައި ގިނަބަޔަކު އިއްތިފާގުވާ ބަތަލާ އައިޝްވާރްޔާ ރާއީ އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ ތާއީދާއި މަގުބޫލުކަން ހޯދި ތަރި އެކެވެ.

ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއް އައިޝްވާރްޔާއަށް ހުށަހަޅާފައިވާއިރު އޭނާ ވަނީ އޭގެ ތެރެއިން ބައެއް ފިލްމުތަކަށް ނޫނެކޭ ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ފިލްމުތަކަށް ބަލާލާނަމެވެ.

ރާޖާ ހިންދުސްތާނީ

1996 ވަނަ އަހަރު ނުކުތް "ރާޖާ ހިންދުސްތާނީ" އަކީވެސް ފުރަތަމަ އައިޝްވާރިޔާއަށް ހުށަހެޅި ފިލްމެކެވެ. އޭރު އަދި އޭނާ ފިލްމީ ދާއިރާއަކަށް ނުވެސް ވަދެ އެވެ. ފެމިނާއަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ވަނީ އެކަން ހާމަކޮށްފަ އެވެ. އައިޝްވާރިޔާ މި ފިލްމު ދޫކޮށްލުމުން ދެން އެ ރޯލު ކުޅުނީ ކަރިޝްމާ ކަޕޫރެވެ. މި ފިލްމު ކުޅެގެން ކަރިޝްމާއަށް ވަނީ ފިލްމުފެއާ ބެސްޓް އެކްޓްރެސް އެވޯޑް ލިބިފަ އެވެ.

ކުޗް ކުޗް ހޯތާހޭ

1998 ވަނަ އަހަރު ނުކުތް "ކުޗް ކުޗް ހޯތާހޭ"ގެ މުހިއްމު ރޯލެއް ކަމަށްވާ ޓީނާ އައިޝްވާރްޔާއަށް ހުށައެޅުނު ނަމަވެސް އޭނާ އެ ރޯލު ނުކުޅުނީ އޭނާ މިސް ވޯލްޑަށް ވެފައި އެ ރޯލަކީ ވަރަށް އަންހެންވަންތަ ރޯލަކަށްވުމުން އެ ރޯލު ކުޅެފިނަމަ އޭނާ ކުޅެނީ ހަމައެކަނި އެކަހަލަ "ގްރޭސްފުލް" ރޯލުތައް ކަމަށް ބުނެ އައިސްދާނެ ފާޑުކިޔުންތަކާ ހެދި ކަމަށް އައިޝްވާރިޔާ ބުނެފައިވެ އެވެ. ފަހުން އެ ރޯލު ކުޅުނީ ރާނީ މުކަރްޖީ އެވެ. އެއީ ރާނީގެ ފިލްމީ ކެރިއަރަށް އިންގިލާބެއް ގެނައި ފިލްމުކަން ފާހަގަކޮށްލެވެ އެވެ.

ވީރް ޒާރާ

2004 ވަނަ އަހަރުގެ ސުޕަހިޓް ފިލްމު "ވީރް ޒާރާ" އަކީވެސް ފުރަތަމަ އައިޝްވާރިޔާއަށް ހުށަހެޅި ފިލްމެކެވެ. ނަމަވެސް ވަކި ސަބަބެއް ހާމަނުކޮށް އޭނާ ވަނީ މި ފިލްމު ވެސް ދޫކޮށްލާފަ އެވެ. އައިޝްވާރިޔާ މި ފިލްމު ދޫކޮށްލުމުން ޝާހްއާއެކު މި ފިލްމު ކުޅުނީ ޕްރީތީ ޒިންތާ އެވެ. މިއީ ޕްރީތީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.

އެހާ ކާމިޔާބުވި ފިލްމުތަކެއް ނުކުޅެ ދޫކޮށްލާފައިވާއިރު އައިޝްވާރިޔާ ވަނީ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ތާލް"، "މޮހައްބަތޭން"، "ދޭވްދާސް"، "ދޫމް 2"، "ޖޯދާ އަކްބަރް" އަދި "އޭ ދިލް ހެ މުޝްކިލް" ފާހަގަކޮށްލެވެ އެވެ.