ބޮއިކޮޓް ކެމްޕޭންގެ ސަބަބުން ވިޔަފާރިއަށް ގެއްލުންވެ، ހުޅުމާލޭގެ ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދުކޮށްފި އެވެ.
ޕިއްޒާ ހަޓާއި ކޭއެފްސީގެ ހުޅުމާލެ އައުޓްލެޓްގައި މިހާރު ވަނީ އެ ދެ ތަން ބަންދުކުރި ކަމުގެ ނޯސްޓިސް ހިއްޕާފަ އެވެ.
ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން އެ ދެ ތަނުގެ އައުޓްލެޓް ހުޅުވުމުން ގިނަ ބައެއްގެ ތަރުހީބު ލިބުނެ އެވެ. ނަމަވެސް އެ ދެ ތަނަކީ ވެސް ޔަހޫދީ އިސްރާއީލަށް މާލީ މަންފާތަކެއް ހޯދައިދޭ ކުންފުނިތަކެއްކަން ހާމަވުމުން އެތަންތަނާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފެށި އެވެ.
ސޯޝަލް މީޑިއާގައި މުޅި ދުނިޔޭގައި ހިންގި އެ ވަރުގަދަ ކެމްޕޭން ރާއްޖޭގައި ވެސް ހިންގި އެވެ. މާލޭގައި ހުންނަ ޕިއްޒާ ހަޓާއި ކޭއެފްސީގެ އައުޓްލެޓަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އެތަންތަނަށް ކަޅުތެޔޮޖަހައި ބިއްލޫރި ތަޅާލައި މީގެކުރިން ގެއްލުންދީފައިވެ އެވެ. އެއަށްފަހު މާލޭގެ އައުޓްލެޓްތައް ވެސް ފަޅުވާން ފެށި އެވެ.
މީގެއިތުރުން ކޮކާކޯލާއާ ދެކޮޅަށް ވެސް އަންނަނީ ކެމްޕޭނެއް ހިންގަމުންނެވެ. އެއީ އެ ކުންފުންޏަކީ ވެސް އިސްރާއީލަށް މާލީ މަންފާ ހޯދައިދޭ ކުންފުންޏެއް ކަމަށް ހާމަވުމުންނެވެ.