އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

އޭޑީކޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލްގެ ރަސްމީ އެސްއެމްއެސް ހޭންޑަލް މެދުވެރިކޮށް ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ ކަމަށާއި އެ މެސެޖްގައި ހިމެނޭ ލިންކަށް ވަދެ އެއްވެސް ޒާތީ މައުލޫމާތެއް ފޯރުކޮށް ނުދޭން އިލްތިމާސް ކުރާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ފޮނުވާފައިވާ ބައެއް މެސެޖުތަކުގައި ލިޔެފައިވަނީ ޕޯސްޓް މެދުވެރިކޮށް ތެކެތި ލިބިފައިވާކަމަށާއި ނަމަވެސް ކަސްޓަމްސް އަށް ދައްކަންޖެހޭ ފީ ނުދައްކައިގެން ޑެލިވަރީކޮށް ދެވެން ނެތްކަމަށެވެ. އަދި މެސެޖްގައި ފައިސާ ދެއްކުމަށް ލިންކެއްވެސްވެ އެވެ.

ސްކޭމްގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް އާއްމުވަމުންދާ ކަމެކެވެ. ވަރަށް ގިނަ މީހުން ސްކޭމްތަކުގައި ޖެހި އެތައް މިލިއަން ރުފިޔާއެއް ގެއްލިފައި އެބަހުއްޓެވެ.

މިދިޔަ ހަފްތާ ތެރޭގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ނަމުގައިވެސް ވަނީ ސްކޭމް ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ. ގާސިމްވަނީ އެފަދަ ސްކޭމްތަކުގައި ރައްޔިތުން ނުޖެހުމަށް އެދިވަޑައިގެންފަ އެވެ.