އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާއި ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އަދި އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް އެވެ.
ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިޤުތިޞާދީ މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީ އިން ކުރުމަށް މި ފަހުމުނާމާއިން ބާރުއަޅަ އެވެ.
މި ގޮތަށް ހަމަޖެހިގެން ދިއުމުން ދެގައުމުގެ ވިޔަފާރީތަކުން މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެފައިސާ (ދިވެހި ރުފިޔާ-އިންޑިއާ ރުޕީ) ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްއެމްއޭއިން ބުނެ އެވެ. އަދި ގައުމުގެތަކުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ޚަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެކެވެ. ދެގައުމުގެ މެދުގައި ކުރެވޭ މާލީ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރެވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވެ އިޤުތިޞާދީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.