މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހާމަނުކުރި މައްސަލައެއްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތާވަލުކުރި އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.

ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ 350 ރުފިޔާ އިންނެވެ. މިއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮމިޝަންގެ ނިންމުމަކަށް އަމަލު ނުކޮށްގެން ރައީސް އޮފީހުގެ މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ އެ މިނިސްޓްރީއަށް މައުލޫމާތެއް ހޯދުމަށް ހުށަހަޅައިގެން ނުލިބުމުން، އެކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާތީ އެ މައްސަލައިގައި މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އަޑުއެހުމަށް ހައުސިން މިނިސްޓްރީން ހާޒިރުވެފައިނުވާ ކަމަށެވެ.

އައިކޮމްއިން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުބުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ ބައްދަލުވުން ފެށުމުގެ މަދުވެގެން އެއް ގަޑިއިރުކުރިން ކުރިން އަންގަންޖެހޭނެކަމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގަވާއިދުގައި ބުނެފައިވެ އެވެ.