ޕާކިސްތާނުގެ ލާހޯރްގައި ހުންނަ ޔުނިވަސިޓީއެއްގައި ކިޔަވަމުންދާ ދެ ދަރިވަރަކު ކޮލެޖްގެ ގޯތިތެރޭގައި އެންގޭޖްވެ، ގައިގޯޅިވުމުން ކޮލެޖުން ވަކިކޮށްފި އެވެ.
ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އަންހެން ދަރިވަރު ވަނީ އެއް ކަކޫމައްޗަށް ތިރިވެ، އޭނާގެ ލޯބިވެރިޔާ(ހަމަ އެ ކޮލެޖްގެ ދަރިވަރެއް) ގާތު ކައިވެންޏަށް އަހާފަ އެވެ. ފިރިހެން ކުއްޖާ އެ ހުށަހެޅުން ގަބޫލުކުރުމުން ދެމީހުން އެކަކު އަނެކަކުގައިގަ ބައްދާލަ އެވެ. އެ ވަގުތު އެތާ ތިބި އެހެން ކުދިންގެ ހަޅޭކުގެ އަޑު އިވޭ އިރު އެއްބަޔަކު ދިޔައީ މަންޒަރު ވީޑިއޯ ކުރަމުންނެވެ.
ޔުނިވަސިޓީ އޮފް ލާހޯރުން ބުނިގޮތުގައި އެ ދަރިވަރުން ވަނީ ޔުނިވަސިޓީގެ ގަވާއިދާ ހިލާފުވެފަ އެވެ.
އެ ޔުނިވަސިޓީއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޑިސިޕްލިނަރީ އަޑުއެހުމަށް އެ ދަރިވަރުން ހާޒިރުނުވުމުން "ކޯޑް އޮފް ކޮންޑަކްޓް" އާ ހިލާފުވިކަމަށް ބަލާ ޔުނިވަސިޓީއިން ވަކިކޮށްފައިވާ ކަމަށެވެ.
އެ ޔުނިވާސިޓީން ބުނިގޮތުގައި ކައިވެނި ކޮށްގެން ވިޔަސް ކައިވެނީގެ ބޭރުން ވިޔަސް އާންމުގެ ތެރޭގައި ގައިގޯޅިވެ ބަދުއަހުލާގީ އަމަލު ހިންގުމަކީ މުޖުތަމައުގައި ބަލައިގަނެވޭ ކަމެއް ނޫނެވެ. އެ ދެ ދަރިވަރުން ވަނީ މިކަމާ ގުޅިގެން މައާފަށް އެދުމާ ދެކޮޅުހަދާފަ އެވެ.
"އަހަރެމެން ގޯސްކަމެއް ނުކުރަން. މިކަމާ މައާފަށް އެދެން ނުޖެހޭނެ،" އަންހެން ދަރިވަރު ހަދީޖާ ޖާވިދް ބުންޏެވެ.
އޭނާގެ ލޯބިވެރިޔާ ޝެހެރްޔާރް އަހްމަދު ވަނީ ޔުނިވަސިޓީގެ ގޯތިތެރޭގައި ކައިވެންޏަށް އެދި ހުށައެޅުމުން އޭގެ މައްސަލައަކީ ކޮބައިކަން ކިޔާދިނުމަށް އެދިފަ އެވެ. އަދި މީގެ ކުރިން ވެސް ކެމްޕަސް ތެރޭގައި ލޯބިވެރިން އެކަކު އަނެކަކަށް ލޯބި ހުށައަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އާންމު ތަނެއްގައި ގައިގޯޅިވުމުން އެ ދެމީހުންނަށް މިހާރު ދަނީ އޮންލައިންކޮށް އިންޒާރު ވެސް ލިބެމުންނެވެ.
ޕާކިސްތާންގެ ބައެއް ޔުނިވަސިޓީތަކުގައި އަންހެން ކުދިން ޖީންސް ލުމާއި މޭކްއަޕް ކުރުންވެސް އޮންނަނީ މަނާކޮށްފަ އެވެ. އަދި ބައެއް ޔުނިވަސިޓީތަކުގައި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ ބައްދަލުނުވާނެ ގޮތަށް ވަނީ އިންތިޒާމު ހަމަޖައްސާފަ އެވެ. -އަލް އަރަބިއާ-