ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ އިސްލާހަށް ތާއީދުކޮށް ވޯޓުދޭ ކޮންމެ މެމްބަރަކު ފަހުން އެކަމާ ހިތާމަކުރަންޖެހިދާނެ ކަމަށް ވިދާޅުވުމަށްފަހު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސަރުކާރަށް ތާއީދުކޮށް އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވައިފި އެވެ.

އެމްޑީއޭއަށް ނިސްބަތްވާ އައްބާސް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އެންޓިޑިފެކްޝަން ގާނޫނުއަސާސީގައި ހިމެނުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޝްވަތު ދެމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

އެކްސްގައި ކުރެއްވި އެ ޕޯސްޓްގައި އައްބާސް ވިދާޅުވީ މަޖިލީހުން އެންޓި ޑިފެކްޝަން ގާނޫނު އަސާސީގައި ހިމެނުމުން ތިން ބާރު ވަކި ކުރާ ނިޒާމް ގެއްލި ޚުދުމުހުތާރު ވެރިއަކަށްވެ، މަޖިލީހުގެ ފުރިހަމަ ބާރުވެރިކަން ރައީސް މުއިއްޒަށް ލިބިގެންދާނެ ކަމަށެވެ.

"މިކަމަށް ބޭނުންވާ ބައެއް ވޯޓުތައް ހޯދުމަށް މުއިއްޒު ދަނީ 5 ލައްކަ ރުފިޔާ ވޯޓަކަށް ދެމުންނެވެ. މިއީ ނަފްސު ވިއްކާލަން ދެވޭ ކުޑަ ކުޑަ އަގެކެވެ. ޕީއެންސީ މަޖިލީސް މެމްބަރުންގެ ނަފްސުގެ އަގަކީ އެންމެ ފަސްލައްކަ ރުފިޔާއަށް މިއަދު ވުމަކީ ލަދުވެތި ކަމެކެވެ،" އައްބާސް އެކްސްގައި ލިޔުއްވާފައިވެ އެވެ.

މެމްބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓް

ނަމަވެސް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އެ އިސްލާހުތަކަށް ވޯޓަށް އެހުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާގައި އައްބާސް ވިދާޅުވީ އެ އިސްލާހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ. އަދި އެ އިސްލާހު އަވަހަށް ފާސްކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް އައްބާސް ވެސް ވޯޓު ދެއްވާފައިވެ އެވެ.

ގާނޫނު އަސާސީއަށް މި އިސްލާހު ހުށަހަޅާކަން ރައީސް މުއިއްޒު ޕީއެންސީގެ މެމްބަރުންނަށް އެންގެވީ އިއްޔެ މުލީއާގޭގައި ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ބައެއް މެމްބަރުން އެކަމާ ދެކޮޅުކަން ހާމަކޮށްފައިވެ އެވެ. އެއަށްފަހު ޕީއެންސީން އެކަމާ ދެކޮޅު މެމްބަރުންނަށް ފައިސާ ބަހަން އުޅޭކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ގަދަވި އެވެ.

މާލޭގެ ވަކި ގެއެއްގައި ދެ މެމްބަރަކު ފައިސާ ބަހަމުންދާ ކަމަށް ރޭގެ ވަގުތެއްގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކްސް އެކައުންޓަކުން ކުރި ޕޯސްޓެއްގައިވެ އެވެ. އެ އެކައުންޓުން އެ ޕޯސްޓްކުރިތާ އިރުކޮޅެއްގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓަކު ވަނީ އެ ސަރަހައްދަށް ގޮސް އެ ސަރަހައްދުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އުޅޭ މަންޒަރު ވީޑިއޯކޮށް އެކްސްގައި ހިއްސާކޮށްފަ އެވެ.

ރިޝްވަތުގެ ފައިސާ ބެހިކަމަށް ކުރި ތުހުމަތުތަކަށް ޕީއެންސީން ވެސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވެ އެވެ.

މެމްބަރު އައްބާސަކީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނަ ބޭފުޅެކެވެ.