އިއްތިފާގެއް ކަމަށް ވުން ގާތެވެ. މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް ދިވެހި ދައުލަތުގެ ޝަރަފު އަރުވަން ނިންމެވި ވާހަކަ އިއުލާން ކުރުމުގެ ޚަބަރު ނޫސްތަކުގެ ސުރުޚީތަކަށް އެރުމުގެ ބަރާބަރު ނުވަ އަހަރު ކުރިން އެ ސުރުޚީތަކާ ގުޅުންހުރި އެފަދަ އެހެން ސުރުޚީއެއް ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެރި އެވެ. އެއީ ރާއްޖޭގެ ރުފިޔާގެ ނޫޓުގެ އާ ސީރީސްއެއް ނިކުތް ޚަބަރެވެ. އެ ޚަބަރާ އެކު ފެނުނު ނޫޓުތަކުގެ ތެރެއިން "ފަސް ސަތޭކަ ރުފިޔާގެ ނޫޓު"ގެ ފޮޓޯގައި އޮތީ ބަހުގެ ހަމައިން ބޮޑު ކުށެއް ލިޔެފަ އެވެ. ފަސް ސަތޭކައިގެ "ސީނު" ސުކުނުގެ ބަދަލުގައި ލިޔެފައި އޮތީ އަލިފު ސުކުނެކެވެ.
ފަސް ސަތޭކަ ރުފިޔާގެ ނޫޓުގައި ސީނު ސުކުނެއްގެ ބަދަލުގައި އަލިފު ސުކުނެއް އޮތުމުން އެކަން ސޯޝަލް މީޑިއާގައި ސަމާލުކަމަށް ގެނައުމާ ގުޅިގެން އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަޒީމާ އާދަމް، ޓުވީޓް ކުރައްވާފައި ވިދާޅުވީ ފަސް ސަތޭކަ ރުފިޔާގެ ސީނުގެ ބަދަލުގައި އަލިފުގައި ސުކުންކުރީ އޮޅިގެން ނޫން ކަމަށާއި އެއީ އާންމުން ކިޔާ ގޮތް ކަމަށެވެ. އެކަމަކު ހަގީގަތަކީ އެމްއެމްއޭ އަށް ހެދިފައި އޮތީ ބޮޑު ގޯހެއްކަމެވެ. ހެދުނު ގޯހުގެ ބޮޑުކަމުން އެކަމަށް އެއްބަސްވާން ބޭނުން ނުވީ އެވެ. ބާރު ހުރީތީ ބަހަނާ ދެއްކީ އެވެ.
ދިވެހި ރުފިޔާގެ ނޫޓުގައި ސުކުނުގެ ކުށެއް އޮތުމުން ދިމާވާ މައްސަލައަކީ، ދިވެހި ބަސް ލިޔެކިޔަންވާ ގަވާއިދުތައް މަދަރުސާތަކުގައި ކިޔަވާދޭ ގޮތާ ފުށު އަރާގޮތަށް ރަސްމީ މުހިންމު ލިޔުމެއްގައި އޮތުމުން ފަހުގެ ޖީލުތަކަށް ރަނގަޅު ގޮތަކީ ކޮބައިކަން އޮޅުމެވެ. ބަހުގެ ގަވާއިދުތަކުގެ ހައިބަތު ގެއްލުމެވެ. ބަހަށް އޮންނަ ގަދަރު ކުޑަވުމެވެ. އެކަން އެގޮތަށް އޮވެ ކުރިޔަށް ދަނީ އެވެ. އަޅާލާނެ ރަސްމީ އިދާރާއެއް ނެތި އެވެ.
ދިވެހި ރުފިޔާގެ ފަސް ސަތޭކައިގެ ނޫޓުގައި ކުށެއް ލިޔެގެން ނެރުނު ދުވަހަށް ނުވަ އަހަރުވީ ދުވަހާ ދިމާކޮށް ސަރުކާރުން މިވަނީ ދިވެހި ގައުމަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކަށް ގައުމީ ޝަރަފުވެރިކަމުގެ މެޑެލް އަރުވާފަ އެވެ. އެ މެޑެލަކީ އޭގެ ހައްގުކަމާމެދު ދިވެހިން ހެޔޮ ހިތުން އިއްތިފާގުވާނެ މެޑެލެކެވެ. ރާއްޖޭގެ އަސްކަރިއްޔާ އަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި މޫސާ އަލީ ޖަލީލަށް އެރުވި ޝަރަފު ވެރިކަމުގެ މެޑެލެވެ. މޫސާ އަލީ ޖަލީލަކީ 1988 ވަނަ އަހަރު ނޮވެމްބަރު މަހު 3 ވަނަ ދުވަހު ރާއްޖެއަށް ޓެރަރިސްޓު ހަމަލައެއް ކުރިމަތިވި ދުވަހު އާދަޔާ ޚިލާފު ހިތްވަރަކާއި ލީޑަޝިޕެއް ދެއްކެވި ބޭފުޅެކެވެ.
މައްސަލައަކަށް ވަނީ އެރުވި މެޑަލްގެ ނަން އިބާރާތް ކޮށްފައި އޮތް ގޮތެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައިވާގޮތުން ކާނަލް މޫސާ އަލީ ޖަލީލަށް އެރުވީ "ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް" އެވެ.
އިބާރަތްށް ބަލާއިރު ފެންނަނީ މޫސާ އަލީ ޖަލީލަށް ކޮންމެވެސް ވެރިކަމެއްގެ އިއްޒަތް ދެއްވާ ކަމެވެ. އެ ދެއްވާ ވެރިކަމަކީ އަސްކަރީ ވެރިކަމެވެ. މާޒީއަށް ބަލާއިރު މިއީ ރާއްޖޭގައި އެކިއެކި ބޭފުޅުންނަށް ލެވޭ ކޮލީގެ ނަން އިބާރާތް ކުރެވޭ ގޮތެއް ނޫނެވެ. މާޒީގައި އަބަދުވެސް ބޭބޭފުޅުންނަށް އަރުވަނީ ކޮންމެވެސް ޝަރަފުވެރި ނިޝާނެއްގެ އިއްޒަތެވެ. ފަހަރެއްގައި ވެސް ވެރިކަމުގެ އިއްޒަތެއް ނޫނެވެ. މިތާގައި ފަސޭހަ ކޮށްލުމުގެ ގޮތުން ރާއްޖޭގައި މަޝްހޫރު ބައެއް ޝަރަފުވެރި އިއްޒަތުގެ ލަގަބުތައް ބަޔާން ކޮށްލާނަމެވެ.
ނިޝާން ޣާޒީގެ އިއްޒަތް، ނިޝާން ދިޔަމިގިލީގެ އިއްޒަތް، ނިޝާން ހުރަވީގެ އިއްޒަތް. މިހިރީ ނިޝާންތައް ދެވޭ ގޮތެވެ. ދެން އެ ނިޝާން ލިބޭ ފަރާތެއް ވާނީ ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ އަށެވެ. ނުވަތަ ނިޝާން ހުރަވީގެ އިއްޒަތްތެރި ވެރިޔާ އަށެވެ. މާނައަކީ އެމީހަކީ ނުވަތަ އެބޭފުޅަކީ އެ ޝަރަފު ލިމބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމެވެ. އެހެންނަމަވެސް ދައުލަތުން މީހަކަށް ވެރިކަމުގެ ޝަރަފު އެރުވުމަކީ ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު ގޯހެކެވެ.
އެހެންކަމުން ސަރުކާރުން ނަސްރުގެ ދުވަހު މޫސާ އަލީ ޖަލީލަށް ދެއްވި މެޑެލްގެ ނަން އިސްލާހު ކޮށްލަން ޖެހެ އެވެ. ރައީސް އޮފީހުގެ ސައިޓުން ވެސް އެ ލިޔުން ބަދަލުކުރަން ޖެހެ އެވެ. ރަނގަޅުގޮތަކީ "ނިޝާން ޢަސްކަރީގެ ޢިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް އެރުވުމަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި" އެވެ. ދެން މޫސާ އަލީ ޖަލީލު ވެވަޑައިގަންނަވާނީ ނިޝާން އަސްކަރީގެ އިއްޒަތްތެރި އަކަށެވެ.
ވ. ހިތްހަމަޖެހުނު ލިޔުމެއް