ރައީސް މުހައްމަދު މުއިއްޒު ދޮންމަންމައާމެދު އަމަލު ކުރިގޮތުގެ މައްޗަށް އޮންލައިން ނޫސް "އަދަދު" އިން ހެދި "ސްކީލާން" ޑޮކިއުމަންޓްރީއަށް އެވޯޑު ލިބިއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި "އަދަދު" ނޫހަށް އެވޯޑް ލިބުނީ ނޫސްވެރިކަމުގެ ތަހުގީގީ ދާއިރާއިންނެވެ.
އެ ޑޮކިއުމެންޓަރީ އުފައްދާފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ރައީސް މުއިއްޒުގެ ދޮން މަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު ހުސައިން އަބްދުއްރަހްމާން 2015 ވަނަ އަހަރު އަވަހާރަވުމާއެކު ރައީސް މުއިއްޒު އަވަސް އަރުވާލާފައި ތަރިކަ ބެހުމަށް ފަހު، ދޮންމަންމަ ސްކީލާން ސްރީ ލަންކާއަށް ދުވަސްކޮޅަކަށް ދިޔަ އެވެ. ނަމަވެސް އޭނާ އެނބުރި މާލެ އައިއިރު، އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއްކޮށް، އޭނާ ރާއްޖެ އެތެރެވުން މަނާކޮށް، ވިސާ އޮތީ ކެންސަލް ކޮށްފައި ކަމަށް ރައީސްގެ ދޮންމަމައާ އެ ނޫހުން ކުރި އިންޓަވިއުގައި ބުނެފައިވެ އެވެ.
ރާއްޖެއަށް އެތެރެ ނުވެވޭ ސަބަބު ބަޔާން ކޮށްދިނުމަށް ތަކުރާރުކޮށް ސްކީލާން އެދެމުން ދިޔުމުން ވެސް އިމިގުރޭޝަނުގެ އޮފިސަރުން އިތުރު މައުލޫމާތު ދީފައިނުވާ ކަމަށް އަދަދު ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
އެ ނޫހުން ކުރި ތަހުގީގުން އެނގުނުގޮތުގައި އޭނާ ޑީޕޯޓުކޮށްލީ ގަވާއިދާ ހިލާފަށް މީހުން އެތެރެކުރާ ކަމުގެ ތުހުމަތު ނުވަތަ ވަގުފާރީގެ މުޑުދާރު ތުހުމަތު ބޮލުގައި އެޅުވުމަށްފަހު އެވެ.
މި ޑޮކިއުމެންޓަރީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވީ އަދަދު ނޫހުގެ ނޫސްވެރިޔާ އަހުމަދު އާއިދު އެވެ.
ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ޑޮކިއުމެންޓްރީގެ ފުރިހަމަ މަސައްކަތަށް ގިނަބަޔަކު ތައުރީފުކޮށްފައިވެ އެވެ.
އާއިދުގެ އިތުރުން، ތިން އެވޯޑެއް "އަދަދު" ނޫހު ޓީމަށް ލިބުނެވެ. އެގޮތުން ސިޔާސީ ދާއިރާއިން އެސޯސިއޭޓް އެޑިޓަރު ހަސަން މުހައްމަދު އިނާމު ހާސިލުކުރި އިރު ކުޅިވަރުގެ ދާއިރާއިން އެސޯސިއޭޓް އެޑިޓަރު އައްޒާމް އަލިފުޅަށް އެވޯޑް ލިބިފައިވެ އެވެ. އޭގެ އިތުރުން, ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާއިން އެވޯޑު ލިބުނީ ވީޑިއޯގްރާފާ މިރާން ނާޝިމްއަށެވެ.
އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ހާސިލްކޮށްފައި ވަނީ މިހާރު ނޫހުގެ ފާތިމަތު ޝަނާ މުޙައްމަދު އެވެ. އުއްމީދީ ނޫސްވެރިޔާގެ އިނާމު ހާސިލްކޮށްފައި ވަނީ ނުކުތާގެ މުޙައްމަދު ޔަމީން އެވެ.