ސަލްމާން ޚާނަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ. ފިލްމު ކުޅުމުން ލިބުނު މަޝްހޫރު ކަމާއި މުއްސަނދިކަމާ އެއްވަރަށް ޖަމާއަތަށް ފައިދާ ހުރި ޚިދުމަތްތައް ކޮށްދިނުމުގައި ވެސް އެއީ އެފަދަ ދެވަނައެއް ނެތްފަދަ މަގުބޫލު ތަރިއެކެވެ. "ބީވީތޯ އޭސާ" ކިޔާ ފިމެއްގެ ސަޕޯޓިން ރޯލަކުން 1988 ވަނަ އަހަރު ފިލްމީ ކެރިއަރު ފަށައި، ޖެހިގެން އައި އަހަރު ނުކުތް "މައިނޭ ޕިޔާރު ކިޔާ"އިން ބަތަލުގެ ރޯލު ކުޅެ އެއްވަނަ ބަތަލުގެ އިނާމު ހާސިލު ކުރުމަށް ފަހު ސަލްމާނު ޚާނުގެ ވިދުމަކަށް ބޮލީވުޑްގައި މަޑު ޖެހުމެއް ނެތެވެ. އެ ކާމިޔާބުތަކާ އެކު ވެސް ސަލްމާނުގެ އަމިއްލަ ހަޔާތް ވަނީ ބިރުވެރިކަމުން ފުރިފަ އެވެ. އިންޑިއާގެ އެންމެ ބާރުގަދަ ގޭންގްތަކުގެ ތެރޭގައި ހިމެނޭ ގޭންގަކުން ދެމުން އަންނަ މަރުގެ އިންޒާރުތަކުން ސަލްމާނުގެ އަމިއްލަ ދިރިއުޅުމަށް ވަނީ ހިޔަނި އެޅިފަ އެވެ.
މައްސަލައިގެ ފެށުން
މައްސަލައިގެ ފެށުން ގުޅެނީ 1998 ވަނަ އަހަރު ސަލްމާން ކުޅުނު ފިލްމެއް ކަމަށްވާ "ހަމްސާތު ސާތުހޭ" ގެ ޝޫޓިން، ރާޖްސްތާނުގައި ނަގަމުން ދިޔަ ދުވަސްވަރާ އެވެ. ރާޖްސްތާނުގައި ފިލްމު ޝޫޓު ކުރަމުން ދިޔަ ދުވަސްވަރު އެ ހިސާބުގައި އުޅޭ ބްލެކްބަކް ކިޔާ ޖަނަވާރެއް ޝިކާރަކުރިކަމުގެ ތުހުމަތު ސަލްމާން ޚާނުގެ މައްޗަށް ކުރެވުނެވެ. ބްލެކްބަކް އަކީ ދަޅުފީނި ފުއްލާ ފާޑުގެ ޖަނަވާރެކެވެ. ހަމައެކަނި އިންޑިއާގައި ދިރިއުޅޭ މި ޖަނަވާރަކީ އެ ގައުމުގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ.
ހިމާޔަތް ކުރުމުގެ އިތުރުން ބްލެކްބަކްއަކީ ހިންދީ ދީނުގައި ވަރަށް ގިނަ ކަލާނގެތަކަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ޖަނަވާރަކަށް ވުމުގެ ސަބަބުން އެއީ އެމީހުންނަށް މުގައްދަސް ޖަނަވާރެކެވެ. ޚާއްސަކޮށް ހިންދީންގެ ވަކި ގްރޫޕެއް ކަމަށްވާ ބިޝްނޯއީ ކޮމިއުނިޓީއަށް މި ޖަނަވާރުގެ މާތްކަން ބޮޑެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ބްލެކްބަކް އަކީ އެމީހުންގެ ކަލާނގެއެއް ކަމަށްވާ ގުރޫ ބަގްވާން ޖަމްބޭޝްވަރު ނުވަތަ ޖަމްބާޖީގެ ދެވަނަ ވުޖޫދުވުމެވެ. އެހެންކަމުން އެއިން ޖަނަވާރެއް މެރުމަކީ ނުވަތަ ގޯނާ ކުރުމަކީ އެމީހުންނަށް ބޮޑުވެގެންވާ ހަރާން ކަމެކެވެ.
ސަލްމާނަށް ދޭ މަރުގެ އިންޒާރު
ބިޝްނޯއީ ކޮމިއުނިޓީ އަށް ނިސްބަތްވާ ލޯރެންސް ބިޝްނޯއީ އަކީ އިންޑިއާގެ އެންމެ ނުރައްކާތެރި ގޭންގްތަކުގެ ތެރޭގައި ހިމެނޭ ގޭންގެކެވެ. ބްލެކްބަކްގެ ހާދިސާއަށް ފަހު އެ ގޭންގުން އަންނަނީ ސަލްމާން ޚާން މަރާލާނެކަމުގެ އިންޒާރުދެމުންނެވެ. އިންޒާރުތަކާއެކު ސަލްމާނުގެ ގެއަށް ބަޑިޖެހުން ފަދަ ހާދިސާތައް އަންނަނީ ހިންގަމުންނެވެ. ސަލްމާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ބާބާ ސިއްދީގީގެ ގަޔަށް ބޮމްބޭގައި ދާދިފަހުން ބަޑިޖަހާ މަރާލުމަކީ ވެސް ސަލްމާނަށް ދިން އިންޒާރެއް ކަމަށް ބެލެވެ އެވެ. ލޯރެންސް ބިޝްނޯއީ ގޭންގުން ބުނާ ގޮތުގައި ސަލްމާނަށް އެހީތެރިވެދޭ ކޮންމެ މީހަކަށް ވެސް އެމީހުންގެ ހަމަލަ އައުމުގެ ނުރައްކާ އޮންނާނެ އެވެ. ލޯރެންސް ބިޝްނޯއީ ގޭންގުން ވަނީ ސަލްމާނަށް އެ މައްސަލަ ހައްލުކުރެވޭނެ ގޮތެއް ވެސް އަންގައިފަ އެވެ. އެމީހުން ބޭނުން ވަނީ ސަލްމާން އެމީހުންނާ އެކު އެމީހުންގެ ފައްޅިއަކަށް ހާޒިރުވެ، ޖަމާއަތުގެ އެންމެންގެ ކިބައިން މައާފަށް އެދުމެވެ.
ސަލްމާންގެ ދިރިއުޅުމަށް ކުރާ އަސަރު
މަރުގެ އިންޒާރުތައް ދިންކަމުގައި ވިޔަސް ސަލްމާނުގެ މަސައްކަތް ބަރާބަރަށް ކުރިޔަށް ގެންދެވޭތޯ އޭނާ ބަލަ އެވެ. އެހެން ނަމަވެސް އޭނާގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މިހާރު އުނދަގޫ ކަމަކަށް އޮންނަނީވެފަ އެވެ. ސަލްމާންގެ އާންމު ދިރިއުޅުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެކަމުގެ ސަބަބުން މަސައްކަތުގެ މާހައުލާއި އަމިއްލަ ޒާތީ ދިރިއުޅުމުގައި ވެސް ސަލްމާނަށް ދިމާވަމުންދާ ގޮންޖެހުންތައް ގިނަ އެވެ.
މަރުގެ އިންޒާރާއެކު ސަލްމާން އާންމު ތަންތަނުން ފެނުން މަދުވެފައިވީ ކަމުގައި ވިޔަސް ހައި ސެކިއުރިޓީއާއެކު ފިލްމްތަކުގެ މަސައްކަތް ކުރިޔަށްދެ އެވެ.
ސަލްމާނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާ އިން ދޭހަކޮށްދެނީ އިންޑިއާގެ މަޝްހޫރު ތަރިންގެ ހަޔާތަށް އެ ގައުމުގެ ގޭންގްތަކަށް ނުފޫޒު ފޯރުވިދާނެ މިންވަރެވެ. މަޝްހޫރު ތަރިންނެކޭ އެއްފަދައިން ގޭންގުތަކަކީ ވެސް އިންޑިއާގެ މުއްސަނދިންގެ ދުނިޔޭގެ ބައެކެވެ.