ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް ޓަކައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ދާކަމަށްބުނެ އެކަން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި ޕީއެންސީއަށް މެމްބަރުން އިތުރު ކުުރުމުގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރާކަމަށެވެ.
މީގެކުރިން އުފެދުނު ޕީޕީއެމްގެ ސަރުކާރެކޭ އެއްގޮތަށް މިވަގުތު އޮތް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީން ބުނެފައިވެ އެވެ،
"ޕާޓީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތް، ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ކުރަމުންގެންދާތީއާއި، މުވައްޒަފުން ލައްވާ އެކަން ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބެމުންދެ އެވެ" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕާޓީއަށް ފޯމު ފުރައި މެމްބަރޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް މުވައްސަސާތަކަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.
ސޯޝަލް މީޑިއާގައި ފޮޓޯއާއެކު ދައުރުވަމުންދާ ޕޯސްޓްތަކެއްގައި ފެންނަ ގޮތުން ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުން އެ އިދާރާތަކުގައި ލިސްޓްތަކެއް ބަލައިގެން ފޯމް ފުރަން ތިބެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ދެތިން އިނގިލީގައި ފޯމްތަކުގައި އިނގިލީގެ ނިޝާން ޖެހުމަށް ބޭނުންކުރި ކުލަވެސް ފެންނަން ހުއްޓެވެ.
ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުަގައި ޕީއެންސީން ބޭނުންކުރަމުން ދަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ ލިސްޓްތަކެވެ. ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ ވަރަށް ގިނަ އަދަދެއްގެ ފޯމް ޕީއެންސީއާ ހަވާލުކުރައްވާފަ އެވެ.