ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރިތޯ ބެލުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނޯޓިސް ދީފި އެވެ.
'ފަލަސްތީނާ އެކު ދިވެހީން' މި ނަމުގައި ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ ޓެލެތޯނަށް 19 މިލިއަން ރުފިޔާ ލިބުނު ކަމަށް ހާމަކޮށްފައިވެ އެވެ.
މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ހިންގި އެ ޓެލެތޯންގެ ފައިސާ ހަވާލުކުރިތޯ މިނިސްޓަރު ހަލީލާ ސުވާލުކުރުމަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.
މިހާތަނަށް ފައިސާ ހަވާލުނުކުރެވި ވާނަމަ، ފައިސާ ހަވާލުކުރުން ލަސްވާ ސަބަބު ސާފު ކޮށްދިނުމަށާއި އެ ފައިސާ ހަވާލު ކުރެވޭނެ ތާރީހެއް ސާފުކޮށްދިނުމަށް ވެސް މީކާއީލް އެދިފައިވެ އެވެ.
ޓެލެތޯނުން ލިބުނު މި ފައިސާ ފަލަސްތީނާ ހަވާލުކުރުމަށް ނިންމާފައިވަނީ، ހާލުގައި ޖެހިފައިވާ އެ ގައުމުގެ މީހުންނަށް އެހީވާ އދ. ގެ ޖަމިއްޔާއެއް ކަމަށްވާ "އަންރުވާ" އަށެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް، ޓެލެތޯން އޮޑިޓްކޮށްފައިވަނީ ކްރޯ މޯލްޑިވްސްއިންނެވެ.
މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި ދެމުން އަންނަ ހަމަލާތަކަށް އަށް މަހަށް ވުރެ ގިނަ ދުވަސްވީ އިރު، 37،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު ވަނީ އަމިއްލަ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ.