ދުޅަހެޔޮ މުޖަތަމައުއެއް ބިނާކުރުމަށްޓަކައި އެންމެ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެން ތިބޭ އެއްބަޔަކީ އެ ގައުމެއްގެ ޑޮކްޓަރުންނެވެ. ތަފާތު ބަލިތައް ދެނެގަތުމާއި އެބަލިތަކަށް ބޭނުންވާ އެންމެ ޒަމާނީ ފަރުވާ، އެއީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމުގައި ވިއަސް އެ ފަރުވާ ދެނެގަތުމަށް ޑޮކްޓަރުން ގިނަ ވަގުތު ހޭދަކުރެ އެވެ. ބޭނުމަކީ ބަލިމީހާގެ ބައްޔަށް އެންމެ ޒަމާނީ ފަރުވާ ދިނުމެވެ.
"އޭނާއަކީ ވަރަށް މީހުނަށް ކަމޭހިތާ އަދި އެހާމެ އޯގާތެރި ޑޮކްޓަރެއް. ބަލި މީހުންނާއި ދޭތެރޭ ކަންތައް ކުރާގޮތް ވަރަށް ރަނގަޅު. ކޮންމެ މީހަކު ފެނުނަސް ހިނިތުންވެލާ ވާހަކަ ދައްކާލާނެ، އެ މީހެއްގެ ހާލުބަލާ ހަދާނެ،" ބަލިމީހެއް އޭނާ ސިފަކުރީ މިގޮތަށެވެ.
ސ. މަރަދުއަށް އުފަން ޑރ. މުހައްމަދު އިފްހާމް ސްކޫލް ދައުރުއް ސުރެ ވެސް ދެކެމުން އައި ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ބޭސްވެރިކަމުގެ ރޮނގުން ރާއްޖޭގައި ޚިދުމަތް ކުރުމެވެ. ރާއްޖެއާއި ސްރީލަންކާއިން ތައުލީމު ހާސިލް ކުރުމަށް ފަހު އިރުމަތީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ރިޕަބްލިކް އޮފް ބިލާރުސް އަށް މެޑިސިން ކިޔަވަން ދާން ފުރުސަތު ލިބުނު ދުވަހަކީ އޭނާ ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަޖެހުނު ދުވަހެވެ.
"ޓަފް ޖާނީ" ފެށީ ހަރުދަނާ ވިސްނުންތަކަކާއެކު
އިފްހާމް ކިޔަވަން އުޅުނު ދުވަސްވަރު އާއިލާ އާއި މާދުރުގައި އުޅެންޖެހުމުން އެކަނިވެރި ކަން އިހްސާސްވި އެވެ. ނަމަވެސް އެކަން ދެމި އޮތީ ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. ކިޔަވަން ފެށި ބިޒީވުމުން އެކަނިވެރިކަން ހަނދާންނެތިގެންދިޔަ އެވެ.
"އަޅުގަނޑު ކިޔަވަން ދިޔައިރު ވެސް އެނގޭ މިފަށަނީ ވަރަށް ޓަފް ޖާނީއެއް [އުނދަގޫ ދަތުރެއް] ކަން. ވަރަށް ތައްޔާރުވެގެން ހުރީ އެކަމަށް. ހަ އަހަރުގެ އެ ޕްރޮގާމްގައި ކިޔެވި ދުވަސްވަރު ކްލާސްތަކަށް ދަމުން އިމްތިހާންތަކަށް ތައްޔާރުވަމުން ވަރަށް ބުރަކޮށް އެ ދުވަސްތައް ހޭދަކުރީ،" އޭނާ ބުންޏެވެ.
އިފްހާމް ބުނިގޮތުގައި ކިޔެވި މޮޑިއުލްތައް ކިތަންމެ އުނދަގޫ ނަމަވެސް އެކަމަށް ޝައުގުވެރިކަން ހުރީތީ ކިޔެވުން ކުރިއަށް ގެންދިއުމުގައި ދަތިކަމެއް ދިމާވެފައިއެއް ނުވެ އެވެ.
"ބައެއް ނޮން ކްލިނިކަލް މޮޑިއުލްސް އުނދަގޫވި. ނަމަވެސް ކިޔެވީ ވަރަށް ކިޔަވާހިތުން. އަޅުގަނޑު އިންޓާންޝިޕް ފުރިހަމަ ކުރީ ބަނގްލަދޭޝްގައި. ދެން ކިޔެވުން ނިންމާފައި ގްރެޖުއޭޓް ވެގެން ރާއްޖެއައީ މީގެ ތިން އަހަރު ކުރިން ދެހާސް އެކާވީހުގައި. ޕްރެކްޓިސްކުރުމުގެ ލައިސަންސް ލިބި ވަޒީފާ އާއި ގުޅުނީ އޭގެ އެއް އަހަރު ފަހުން،" މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރު ބުންޏެވެ.
ޑޮކްޓަރެއްގެ ވަޒީފާގައި އުޅޭއިރު ދިމާވާ އުނދަގޫތަކަކީ ކޮބައިތޯ އެހުމުން ބުނީ ޑިއުޓީ އަދާކުރާއިރު ކެއުމާއި، ނިދުމާއި އަދި އަމިއްލަ ލައިފްގެ ކަންކަން ޝެޑިއުލްކުރަން އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް ސްޓްރެސް ވިޔަނުދީ އެކަމުން ސަލާމަތްވެ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް ގަވައިދުން ކަސްރަތުކޮށް ވީވަރަކުން ފައިދާހުރިކާނާ ކެއުމަށް އިސްކަންދޭ ކަމަށެވެ. އަދި ފެން ބުއިމާއި ނިދި ހަމަކުރުމަށް ސަމާލުވާ ކަމަށެވެ.
"ހަށިގަނޑު ރަނގަޅަށް ފަންކްޝަން (މަސައްކަތް) ކުރާނީ ހަމަ ނިދި ލިބިގެން ކަމުގައިވާތީ ދުވާލަކު 6-7 ގަޑިއިރު ނިދި ހަމަކުރެވޭތޯ ވަރަށް ބަލަށް،" އިފްހާމް ބުންޏެވެ.
ދިމާވާ ބަލިމީހުންގެ ފަރާތުން ފާހަގަވާ ކަންބޮޑުވާ ބައެއްކަންކަން އެބަހުރި
މަސައްކަތުގެ މާހައުލުގައި ދިމާވާ ބަލިމީހުންގެ ތެރޭގައި ފެންނަ ކަންބޮޑުވާ ކަންކަމަކީ ކޮބައިތޯ އެހުމުން އޭނާ ބައެއް ކަންކަން ހިއްސާ ކުރި އެވެ. އެގޮތުން ފާހަގަ ކުރެވިފައިވާ ފުރަތަމަ ކަމެއްގެ ގޮތުގައި ވިދާޅުވީ، މިހާތަނަށް ދިމާވެފައިވާ ގިނަ ބަލިމީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުގެ ސަބަބުން އެކި ބަލިތަކަށް ހުށަހެޅިފައިވާ މީހުންކަން ފާހަގަވާ ކަމަށެވެ.
"އަޅުގަނޑަށް ފާހަގަވި އެއް ކަމަކީ ބޮޑުވަމުން އަންނަ ޖީލު ސިއްޚީ ނުރަނގަޅު އާދަތަކަށް ވަރަށް ބޮޑަށް ދެވި ހިފާފައިވާކަން. ޒުވާން އުމުރު ފުރައިގެ ވަރަށް ގިނަ މީހުންގެ ކޮލެސްޓްރޯލް މަތިކޮށް ހުންނަކަން ފާހަގަވޭ. ހަމަ އެގޮތަށް ލޭގެ ޕްރެޝަރު ވެސް. އަދި ވަރަށް ޅައުމުރުގައި ހަކުރުބަލި ހުންނަކަމަށް ޑައިގްނޯސް ކުރެވޭ. މީހާ މަދު މީސްކޮޅެއް އުޅޭ ގައުމަކާ އަޅާބަލާއިރު އެއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. އެހެން އެ ދިމާވަނީ ތައްޔާރީ ކާނާ ގިނައިން ބޭނުން ކުރެވޭތީ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ލަފާކުރެވޭ،" އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރަކަށްވުމަށް ޝައުގުވެރިވާ އިފްހާމް ބުންޏެވެ.
ދިވެހިންގެ ކެއުންތަކުގެ ތެރެއިން ހަވީރު ސަޔަށް ގިނަ އަދަދަކަށް ތެލުލި ހެދިކާ ބޭނުންކުރާތީ އެކަމަށް އަލިއަޅުވާލަމުން ބުނީ ސަޔަކަށް އެކަށޭނަ ނޫން މިންވަރަށް ދިވެހިންގެ ހަވީރު ސައި ވަރަށް "ހެވީ" ކަމަށެވެ. އެއްވެސް ކޮންޓްރޯލެއް ނެތި ތެލުލި ހެދިކާ ކާނަމަ، އޭގެ ސަބަބުން ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލިތައް ޖެހެން މަގުފަހިވާނެ ކަމަށެވެ.
ތެލުލި ކާތަކެތި ނުހިމަނައި ހަވީރު ސައި ލުއިކޮށްލާފައި ރޭގަނޑުގެ ކެއުން އަވަސްކުރުމަށް އިފްހާމް ނަސޭހަތްތެރިވެ އެވެ. އަދި ވީހާވެސް ގިނައިން ހަރަކާތްތެރިވެ އުޅުމަށް ބާރު އަޅަ އެވެ.
"އަޅުގަނޑު ދެކޭގޮތުގައި ދިވެހި މުޖުތަމައު ވަރަށް ބޮޑަށް ހޭލުތެރިވާން އެބަޖެހޭ ސިއްހީގޮތުން. ހަރަކާތްތެރި ދިރިއުޅުމެއް އެބަ އިހުތިޔާރު ކުރަން ޖެހޭ، ޓީވީ ދޮށުގައި ނުތިބެ ރީތި ގޮނޑުދޮށްތަކަށް ހިނގާލަން ދާށޭ އަޅުގަނޑު ބުނާނީ. ކެއުމުގައި ގިނައިން ފަތްޕިލާވެލި ހިމަނަން އެބަޖެހޭ. ފައިދާހުރި ކާނާ ކެއުމަށް ސަމާލުކަންދޭ ފަދައިން ގެއްލުން ދެނިވި އާދަތަކާ ވެސް ވަރަށް ބޮޑަށް ދުރުހެލިވާން އެބަޖެހޭ. އެއީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅިގެން ޖެހޭ ބަލިތަކަކީ ދުރުހެލި ވެވިދާނެ ބަލިތަކަށް ވާތީ،" އިފްހާމް ބުންޏެވެ.
ދުފުމަކީ ވެސް އަނގައިގެ ކެންސަރަށް މަގުފަހިވާ އާދައަކަށް ވާތީ އެއީ ހުއްޓާލަންޖެހޭ ވަރަށް މުހިންމު އަދި ދިވެހިން އެކަމަށް ދެވި ހިފައިފައިވާ އާދައެއްކަން އިފްހާމް ފާހަގަކުރެ އެވެ. ދުފުމަށް ފޯއް، ހުނި، އަދި ދުންފަތް ބޭނުން ކުރުމުގެ ބަދަލުގައި ފޮނިތޮށި ކޮޅެއް ނުވަތަ ކަރަންފުލެއް ބޭނުންކޮށްލުން ރަނގަޅު ކަމަށް ބުނެ އެވެ. މީގެ އިތުރުން ހޫނުގަދަ ދުވަސް ދުވަހު، ގަދަ އަވީގައި ބޭރުގައި އުޅުމާއި ފެންބުއިން މަދުކަން ވެސް ފާހަގަކުރަމުން މިކަން ކަމަށް އެންމެން ވެސް ފަރުވާތެރިވުމަށް ނަސޭހަތްތެރިވި އެވެ.
މުސްތަގުބަލްގައި އައްޑޫގައި މަސައްކަތް ކުރުމަށް އުންމީދު ކުރޭ
އިފްހާމް ޚާއްސަ ވާން ބޭނުންވަނީ އެތެރެހަށީގެ ދާއިރާއިން ކަމަށާއި ޚާއްސަ ވެގެން ރާއްޖެއައިސް އައްޑޫގައި މަސައްކަތް ކުރުމުގެ ވިސްނުމެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.
"އެމްބީބީއެސް އަކީ ހަމަފެށުމެއް. ކުރިއަށް އަދި އޮތީ ކިޔެވުން. އިޓްސްއަ ލޯންގް ޖާނީ. ސްޕެޝަލައިޒްވެ ވަކި ދާއިރާއަކަށް ޚާއްސަވީމަ ބަލިމީހުނަށް ރަނގަޅު ޚިދުމަތެއް ދެވޭނީ. އޭގެ ފަހުން ރާއްޖެ އައިސް އައްޑޫގައި މަސައްކަތް ކުރަން ބޭނުން،" އޭނާ ބުންޏެވެ.
ޑޮކްޓަރުން ބަލިމީހާއަށްޓަކައި ވަނީ ވަރަށް ފުން ގުރުބާނީއެކެވެ. ޑޮކްޓަރުން ނެތްނަމަ ބަލިތަކަށް ފަރުވާނުކުރެވި ގިނަ އަދަދެއްގެ ބަޔަކު ދުނިޔެ ދޫކުރާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގެ މުގުލުގައި ތިބޭ ބަޔަކީ އެއީ އެވެ.